Last Updated: April 23, 17:43
Wednesday, April 23, 2025
ޚަބަރު

މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްކަން ދަގަނޑޭ އަށް

އަލީ އަޝްފާގް (ދަގަނޑޭ) - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފިއެވެ. 

މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަޝްފާގް ހަމަޖައްސާފައިވާތާ ދުވަސްތަކެއްވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން އެ ގޭގެ ބައެއް މަގާމުތައް އިތުރުކޮށް ބައެއް މަގާމުތަކަށް ބަދަލު ގެންނަން މަޖިލީހުން އޮތީ ފާސްކޮށްފައެވެ.

އެގޮތުން މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމު އުފައްދާފައިވާއިރު އެ މަގާމަށް ހަމަޖައްސާފައިވަނީ މަޝްހޫރު ނޫސްވެރިޔާ އާދަމް ހަލީމްއެވެ.

މުރައިދޫގެ އަކީ ގާނޫނުން، މަޖިލީހުގެ ރައީސްއަށް ހާއްސަކޮށް ގެކޮޅެއް ހުންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ މަޖިލިސް ރައީސް ހުންނެވުމަށް ހަމަޖެއްސި ރަސްމީ ގެކޮޅެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ރަސްމީ ދެކޮޅު ހަމަޖައްސަން ގާނޫނުގައި ހިމަނާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.