އަޑު އިވުމުން މަހުރޫމުވެފައިވާ ކުއްޖަކަށް ސްކޫލް ތެރޭގައި އެހެން ދަރިވަރުންތަކެއް އަނިޔާކޮށް، ގެއްލުންތަކެއް ދިން ވާހަކައެއް ހުރިހާ ބެލެނިވެރިންނަށް އިބުރަތްތެރި މެސެޖެއްގެ ގޮތުގައި މަޔަކު ހިއްސާކޮށްފި އެވެެ.
ފުވައްމުމަލަށް ނިސްބަތްވާ ފާތުމަތު ނީމާގެ އަޑު ނީވޭ ދަރިފުޅު، އަޑު އެހުމަށް ބޮލުގައި ހަރުކޮށްފައިވާ ޑިވައިސްއެއް އެހެން ދަރިވަރުންތަކެއް ގެއްލުން ދިން ހާދިސާއާ ގުޅިގެން ނީމާ ބުނީ އެ ޑިވައިސް އަކީ ދަރިފުޅުގެ "ދެ ކަންފަތް" ކަމަށެވެ.
"ވީ ގޮތަކީ އިންޓަވަލް ގަޑީގައި ކެންޓީނަށް ގޮސް އިންޓަވަލް ހިފައިގެން ކްލާހަށް ދަނިކޮށް ސިޑިއާ ހިސާބުން ކުއްޖަކު ދަރިފުޅުގެ މި ޑިވައިސް މަތީގައި ބޮލުގައި ބާރަށް ޖެހީ. ޖެހީމަ ވައިސް ބިންމައްޗަށް ވެއްޓިއްޖެ،" ނީމާ ބުންޏެވެ. "ދަރިފުޅަށްވީ ތަދުންނާއި އޭގެ މުހިންމުކަން އެނގި ރޮވިއްޖެ."
އޭނަ ކިޔައި ދިން ގޮތުގައި އެކަން ހިނގި ތަނާ އަނެއްކާ ހަމަ އެ ވަގުތު ދަރިފުޅުގެ ގައިގައި އެހެން ކުއްޖަކު ޖަހައި، ކޮއްޕައި ވައްޓާލި އެވެ. އަދި އެކަމާ ޓީޗަރުން ކުދިންނާ ސުވާލު ކުރުމުން އެއްވެސް ކުއްޖަކު ކުރި ކަމެއް ކަމަކަށް އެއްބަސްނުވި ކަމަށް ވެސް ނީމާ ބުންޏެވެ.
"ބެލެނިވެރިންނޭ މިއީ އަޅުގަނޑުގެ ދަރިފުޅުގެ އެއް ހިއްސު، މިއިން ކުއްޖާ އަށް އަޑު އިވެނީ. މިއީ ކޯޗެއްކަން ނޭނގޭ ނަމަ އެނގިގަތުން ވަރަށް މުހިންމު،" ނީމާ ބުންޏެވެ. "އެގޮތަށް ބޮލުގައި ޖަހައި އޮޕަރޭޝަން ކޮށްފަ ހުރި ތަނަށް ގެއްލުންވެއްޖިއްޔާ އެހީ ކިހާ ބޮޑޮ ދެރައެއްތޯ؟"
ނީމާ ބުނީ ދަރިފުޅުގެ އެ ޑިވައިސް ލާކުވެއްޖެ ނަމަ އޭނަ ކަހަލަ އާދައިގެ މީހަކަށް އެ އަލުން ހަދަން 10،000 ޑޮލަރަކީ ވަރަށް ބޮޑު އެއްޗަކަށް ވާނެ ކަމަށެވެ.
"އާސަންދައިން އެއަށް ލިބެނީ އެއްބައި. ބެލެނިވެރިންނޭ، ތިބޭ ފުޅުންނަށް އެނގޭ އެއްޗެއް ދަރިންނަށް ވެސް ކިޔައިދީ، ނުޅުދެންތެރިކަމަކީ ހަމައެކަނި އުފަންވާ އިރު ހުންނަ ކަމެއް ނޫން،" ނަސޭހަތެއްގެ ގޮތުގައި އަސަރާ އެކީ ނީމާ ބުންޏެވެ. "މިހާރު ސްޓްރޯކް ޖެހުން، އެކްސިޑެންޓުވުން ފަދަ ކަންކަން ވަރަށް ގިނަ. މީހެއްގެ ދިރިއުޅުން ބަދަލުވާން ސިކުންތުކޮޅެއް ވެސް ނުނަގާ. މިއަދު ރަނގަޅަށް ހުންނަ މީހާ މާދަމާ ޚާއްސައެހީ އަށް ބޭނުންވާ މީހަކަށްވެފައި ހުއްޓާވެސް ފެނިދާނެ. މިއީ ދުނިޔޭގެ ގާނޫނު."