ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަހި މާހައުލެއް ގާއުމު ކުރުމަށް އިތުރު ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައިވެސް ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނު ތަސްދީގުކުރުމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭޖީ އުޝާމް ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ފޮރިން އިންވެސްޓްމެންޓް ގާނޫނެއް ވުޖޫދުވީ 1979 ވަނަ އަހަރު ކަމަށާއި އޭރުގެ ގާނޫނުތަކާ ބަލާއިރު އެއީ ރަނގަޅަށް އެކުލަވާލެވިފައިވާ ގާނޫނެއް ކަމަށެވެ. އެހެންނަމަވެސް އެ ޤާނޫނަކީ މިއަދުގެ ހާލަތަށް އެންމެ ރަނގަޅު ގާނޫނެއް ނޫން ކަމަށާއި އެހެންކަމުން މިކަމާ ގުޅޭ އާގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެކި ސަރުކާރުތަކުން ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމަކަށް ހެދުމުގެ މަސައްކަތް ފެށުނުކަން ފާހަގަކޮށް އުޝާމް ވިދާޅުވީ އެގޮތުން ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުނު ކަމަށެވެ. މިއީ ވަރަށް ވަގުތު ނަގާ ކަމެއްކަން ފާހަގަަކޮށް އުޝާމް ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމަކަށް ހެދުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ. ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނަކީ އެގޮތުގެ މަތިން ވުޖޫދަށް ގެނުވުނު ގާނޫނެއް ކަމަށް ވިދާޅުވިއެވެ.
ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނާއި އެކު ޕެކޭޖެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އަދި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
މީގެއިތުރުން އުޝާމް ވިދާޅުވީ އިންވެސްޓްމެންޓްތަކަށް ފަހި މާހައުލެއް ގާއިމު ކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ކުރިއަށް އޮތްތަނުގައިވެސް ގެންނާނެ ކަމަށެވެ. އއެގޮތުން މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައިވެސް މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވާނެކަން ފާހަގަ ކުރެއްވިއެވެ.