ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އާ ފޮރިން އިންވެސްޓްމަންޓް ގާނޫނު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ މި ގާނޫނަކީ ރާއްޖޭގައި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކާއި އަދި ރާއްޖޭގެ ވިޔަފާރީގެ ނެޓްވޯކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިއީ ޒަމާނީ ބަދަލުތަކަށް ފެތޭ ގޮތަށް އޮތް އޮތް ގާނޫނެއް ކަމަށާއި އާ ގާނޫނާ އެކު އިންވެސްޓަރުންނަށް ކުރިން ރާއްޖޭގައި ނުލިބޭ ފަހި އެތައް ފުރުސަތެއް ލިބޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުގައި އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި މިހުރީ ގާތްގަނޑަކަށް ބޮޑެތި ސްޓްރަކްޗަރަލް ރިފޯމް މިހުރީ އިގްތިސާދީ ދާއިރާގައި. ވިޔަފާރި ފުޅާކުރުމާއި ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ ތަނަކަށް ހެދުމާއި އަދި ރިއަލް އެސްޓޭޓްގެ ދާއިރާއަކީވެސް ވިޔަފާރީގެ ދާއިރާއަކަށް ހެދުން،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި މީގެކުރިން އަމަލުކުރަމުން އައި "ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު" ގައި ބޮޑަށް އިސްކަން ދީފައި އޮތީ ރާއްޖޭގެ ގައުމީ ސަލާމަތަށް ކަމަށާއި ނަމަވެސް މިއަދު އަމަލުކުރަން ފެށި ގާނޫނުގައި އިސްކަން ދީފައިވަނީ ޓްރާންޕޭރެންސީ އާއި އިންވެސްޓަރުންގެ ރައްކާތެރިކަމަށް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
މި ޤާނޫނަކީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ޙިމާޔަތާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި، އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.