Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ކަރީނާގެ އާ ފިލްމުގެ ޓްރެއިލާ ނެރެފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ޑިޓެކްޓިވެއްގެ ރޯލު ކުޅެފައިވާ ކްރައިމް ތުރިލާ "ދަ ބަކިމްހަމް މާޑާސް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އިނގިރޭސިވިލާތުގެ ބަކިމްހަމްޝަޔާގައި މަރައިލާ 10 އަހަރުގެ ކުއްޖެއްގެ މަރުގެ ހަގީގަތް ހޯދަން ޑިޓެކްޓިވަކު ކުރާ މަސައްކަތާއި އޭގެ ސަބަބުން އޭނަ އަށް ކުރިމަތިވާ ނުކުރައްކާތަކާ ކުރިމަތިލާ ގޮތް ދައްކުވައިދޭ މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާ ހަދާފައިވާ ފިލްމެކެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ "ދަ ބަކިމްހަމް މާޑާސް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ގަ އެވެ. ކަރީނާ އެންމެ ފަހުން ފެނިފައި ވެސް އެކްތާގެ ފިލްމަކުންނެވެ. އެއީ މާޗްގައި ގެނެސްދިން "ކްރޫ" އިންނެވެ.

"ދަ ބަކިމްހަމް މާޑާސް"" އަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިިން "ޖާނެ ޖާ" އަށް ފަހު، އަނެއްކާ ވެސް ކަރީނާގެ ވަރަށް ސީރިއަސް ރޯލެއް ފެންނާނެ ފިލްމެކެވެ.

މި މަހު ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާންގެ ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ މި މަހުގެ 27 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ޑްރާމާ "ދެވާރާ: ޕާޓް 1" އެވެ. މި ތެލެގޫ ފިލްމުގެ ލީޑް ތަރިންނަކީ މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އާއި ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރެވެ.

"ދެވާރާ" ގެ ހިންދީ ވާޝަން ބެލުންތެރިންނަށް ގެނެސްދިނުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނެވެ.