Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ކަރަން އާ ރިއަލިޓީ ޝޯއެއް ހޯސްޓް ކުރަނީ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް، މުޅިން އާ ރިއަލިޓީ ޝޯއެއް ހޯސްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ "ދަ ޓްރެއިޓާސް" ގެ ނަން ދީފައިވާ މި ޝޯ އަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ ޝޯއެެއް ކަމަށެވެ. އެކަމަކު މިއާ ބެހޭ ގޮތުން މިހާތަނަށް އަދި ކަރަން އާއި އެމެޒޯން އިން ވެސް އެއްޗެއް ބުނެފަައެއް ނުވެ އެވެ.

އިންޑިއާ ފޯރަމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްޓާ ޕްލަސް އިން 2020 އިން ފެށިގެން ދައްކަމުން އަންނަ މަގުބޫލު ސިލްސިލާ "އަނޫޕަމާ" ގެ ލީޑް ބަތަލު ވަންރާޖް ޝާގެ ކެރެކްޓާ ކުޅެމުން އައި އެކްޓަރު ސުދާންޝޫ ޕާންޑޭ ސިލްސިލާ އިން ވަކިވީ ވެސް ކަރަން ހޯސްޓްކުރަން ހަމަޖެހިފައިވާ ޝޯގައި ވާދަކުރަން ބޮޑު އަގެއް ހުށަހެޅުމުން، އެ ޝޯގައި ބައިވެރިވުމަށްޓަކަ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ސުދާންޝޫ ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ކަރަން އަކީ މިހާރު ވެސް "ކޮފީ ވިތު ކަރަން" ގެ ނަމުގައި އަމިއްލ ޓޯކްޝޯއެއް ހޯސްޓްކުރާ މީހެކެވެ. އެގޮތުން ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އޭގެ އެންމެ ފަހުގެ ސީޒަން، 8 ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ މަގުބޫލު ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެނެސްދިން ޑައިރެކްޓަރު އަންނަނީ އެކްޝަން ފިލްމެއް ޑައިރެކްޓް ކުރަން ވެސް ތައްޔާރުވަމުންނެވެ.