ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފައި ވަނިކޮށް އަމިއްލަ އަށް މަރުވި އާދަމް އަތުހަރުގެ މަރުގެ މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް، އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ފުލުހުންގެ ތެރޭގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކަމުގެ ސުވާލު އުފެދިފައިވާ ކަމަށެވެ.
ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ތަހުގީގުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއް ކަމަށާއި އެއީ ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމަށް އެމްޑީޕީން ބުންޏެވެ.
ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރު ކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ފެށި ހިސާބުން އޭނާއާ ހަމައަށް ފުލުހުންނަށް ދެވިފައިވަނީ 28 މިނެޓުން ކަމަށާއި ފުލުހުންގެ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު އަތުހަރު ފަދަ ބޮޑު އަނިޔާއެއް ލިބިފައި ހުރި މީހަކު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް މި މައުލޫމާތުތަކަށް ބަލައި ގަބޫލުކުރާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.
އަދި އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް އަތުހަރު ގެނައުމަށް ފަހު ވެސް އޭނާގެ އާއިލާއަށް ދޭން ޖެހޭ އެންމެ ފުރިހަމަ މައުލޫމާތު ދީފައި ނުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިފަދަ ބޮޑު ކަމެއް ހިނގައިދިޔުމުން ބަންދުގައި ހުރި މީހާއާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާކުރަން ޖެހޭނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.
މީގެއިތުރުން މި ހާދިސާގެ މައުލޫމާތު ހިއްސާކުރަން ޖެހޭނީ ފުލުހުންގެ ހިދުމަތުން ކަމަށްވާއިރު މިކަމުގައި މިހާތަނަށް ވެސް އެ އިދާރާއިން ކަންވީ ގޮތް ހިއްސާކޮށްފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ފުލުހުންގެ ހިދުމަތުގެ ބަދަލުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު މި ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުން ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
"ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަން ކަންބޮޑުވުމާއެކު މި ޕާޓީން ފާހަގަކުރަމެވެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވަނީ ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރުމަކީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެވުމުގެ ފުރުސަތު ފަހިވާ ކަމެއް ކަމަށާއި މިގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފުލުހުންގެ ހިދުމަތް އިތުރަށް ޒަމާނީ އަދި ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.
އޭގެއިތުރުން އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.