Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

"ކަމަނާ" އަޅުވަން އައްޒަ ފުވައްމުލަކަށް

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ކަމަނާ" މާދަމާ ރޭ ފުވައްމުލަކުގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ސިޓީގެ ޝޯ ހާއްސަވާ އެންމެ މުހިއްމު ސަބަބަކީ ފިލްމުގެ ބައެއް ކާސްޓުން ވެސް ޕްރީމިއާގައި ބައިވެރިވާތީ އެވެ. އެގޮތުން "ކަމަނާ" ގެ ޓައިޓްލް ރޯލު ކުޅުނު ބަތަލާ މަރިޔަމް އައްޒަ ފުވައްމުލަކު ޕްރީމިއާގައި ބައިވެރިވާނެކަން އޭނަ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި ހިއްސާކޮށްފަ އެވެ.

އޭގައި އައްޒަ ބުނީ މިއީ އޭނަގެ ފުރަތަމަ ފުވައްމުލައް ދަތުރު ކަމަށާއި ލޯބިވާ ސަޕޯޓަރުންނާ ބައްދަލު ކުރަން ކެތްމަދުވެފައި ހުރި ކަމަށެވެ.

މިދިޔަ މަހުގެ 27 ގައި އޮލިމްޕަހުގައި ޕްރީމިއާކުރި "ކަމަނާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ލީޑް ކާސްޓްގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އައިމިނަތު ރަޝްފާ (އާޝާ) ވެސް ހިމެނެ އެވެ.

މި މަހުގެ 14 އާ ހަމައަށް އޮލިމްޕަހުގައި "ކަމަނާ" ދައްކަން ހަމަޖެހިފައިވާ އިރު، ހުރިހާ ޝޯތަކެއް ވަނީ ހައުސްފުލްވެފަ އެވެ. މި ފިލްމު މިހާރު ވެސް ބައެއް ރަށްރަށުގައި ދައްކައިފައިވާ އިރު، ވަރަށް ގިނަ ރަށްރަށުގައި ދައްކަން ތާވަލުކޮށްފައިވެ އެވެ.