ދިވެހިންނަކީ ހިޔާލު ތަފާތެއް ނެތި އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޖާނާއި މާލުން ގުރުބާންވާ ބައެއް ކަމަށާއި ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ހުރިހާ ލީޑަރުން އެގޮތަށް އަމަލުތަށް ބެހެއްޓެވި ނަމަވެސް މިހާރު އިވޭ އަޑުތަކާއި ފެންނަ މަންޒަރު ތަފާތު ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ހައްގުގައި މިހާރުގެ ސަރުކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެކަށީގެންވާ ގޮތަށް ވާހަކަ ނުދައްކަވާ ކަމަށް ދޭހަވާ ގޮތަށް ފޭސްބުކް ޕޯސްޓެއްގައި މޭޔަރު ވިދާޅު މިހާރު ކަންކަން ފެންނަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ބަސްބުނަން ޖެހިލުންވާ ކަހަލަ ގޮތަކަށް ކަމަށެވެ.
އޭނަ ވިދާޅުވީ އެ ގައުމުގެ މުސްލިމު ރައްޔިތުންނަށްޓަމައި ރާއްޖެ އަށް އަމަލީ ގޮތުން ކުރެވިދާނެކިތަންމެ ކަމެއް ނުކޮށް ފަހަތަށް ޖެހޭ ތަން ވެސް ފެންނަމުންދާ ކަމަށެވެ.
"މި ވާހަކަ މި ލިޔަނީ ސިޔާސީ ވިސްނުމެއްގައެއް ނޫން،" ނިޒާރު ވިދާޅުވި އެވެ. "މުސްލިމަކަށްވީތީ، އިންސާނަކަށްވީތީ ލޮލުން ކަރުނަ އަޅާހާލުގައި އިނދެ."
އޭނަ ވިދާޅުވީ ފަލަސްތީނުގައި މި ވަގުތު ހިނގަމުންދާ ހަގުރާމައަކީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލަން ހިންގޭ ބޮޑު ގަތުލުއާންމެއް ކަމަޑެވެ. އަދި ފަލަސްތީންގެ މައްސަލަ އަކީ އިންސާނީ ނަސްލު ތަޖުރިބާކުރާ އެންމެ ބޮޑު ބޭއިންސާފު އުދުވާން ކަމަށް ވިދާޅުވި އެވެ.
"މިއީ މުސްލިމް އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު މުސީބާތް. މިހެން މިކަން އޮވެމެ، އަދި ފަލަސްތީން ރައްޔިތުން ޒަޔަނިސްޓުންގެ އަޅުވެތިކަމަށް ދިޔަ ފަހުން ހިންގޭ އެންމެ ބޮޑު ލޭއޮހޮރުވުން ދިފާއުގައި ބަސްބުނަން ނުކެރޭ ހުރިހާ މުސްލިމް ގައުމުތަކަކީ ހުޅަގުގެ ގައުމުތަކުގެ އަޅުވެތިކަމުގަ ކޮންމެވެސް އެއް ސިފައްގައި ކަސްތޮޅުއެޅުވިފައި ތިބި ގައުމުތަށް." މޭޔަރު ވިދާޅުވި އެވެ.
މި ސަރުކާރުން އަބަދު ވެސް ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރާނެ ކަމަށް މިހާރުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަ އިރު، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލަ ކުރިއަށް ނުގެންގޮސް ޕާކްކޮށްފައި އޮތުމުން އިދިކޮޅު ފަރާތްތަކާއި އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.