ޑައިރެކްޓް ކުރަން ދެ ފިލްމެއް އިއުލާންކޮށްފައި އޮތް ބޮލީވުޑްގެ ފަންނާނު ފަރުހާން އަޚްތަރު، ދުވަސްތަކެއް ފަހުން އާ ފިލްމެއް ކުޅުމުގެ މަސައްކަތް ފަށައިފި އެވެ.
ލަޑާކްގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު 1962 ގައި ކުރި ހަނގުރާމައަކަށް ބިނާކޮށް ހަދާ "120 ބަހާދޫރު" އެވެ. މީގައި ފަރުހާން ކުޅެނީ އެ ހަނގުރާމައިގައި އިންޑިއާގެ އަސްކަރިއްޔާގެ ލީޑަރަކަށް ހުރި މާޖް ޝައިތާން ސިންގް ބާޓީގެ ރޯލެވެ. "120 ބަހާދޫރު" ގެ ޑައިރެކްޓަރަކީ 2022 ގައި ރިލީޒްކުރި ކަންގަނާ ރަމާވަތުގެ އެކްޝަން ތުރިލާ "ދާކަޅް" ގެނެސްދިން ރަޒްނީޝް ރާއީ ގާއީ އެވެ.
މި ފިލްމުގެ ސްޓިލް/މޯޝަން ޕޯސްޓަރު ވެސް މިއަދު ވަނީ ދައްކާލައިފަ އެވެ. އެކަމަކު އަދި ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ފަރުހާން އެންމެ ފަހުން ކުޅުނު ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ ވެސް ހިމެނޭ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.
ދެހާސް ތިނެއްގެ "ދިލް ޗާތާ ހޭ" ޑައިރެކްޓްކޮށްގެން މަޝްހޫރުވި ފަރުހާނަކީ ބޮލީވުޑްގެ "މަލްޓި-ޓާސްކިން" ފަންނާނެކެވެ. އޭނަ އަކީ ޕްރޮޑިއުސަރެއް، ޑައިކްޓަރެއް، ސްކްރީން ރައިޓަރެއް، އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެކެވެ.
ފަރުހާން އާ ފިލްމެއް ކުޅެން ފެށި އިރު، އޭނަ ޑައިރެކްޓްކުރަން އިއުލާންކޮށްފައި އޮތް ދެ ފިލްމަކީ މިދިޔަ އަހަރު އިއުލާންކުރި "ޑޮން 3" އާއި 2021 ގައި އިއުލާންކުރި "ޖީ ލޭ ޒަރާ" އެވެ.
މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ ސްކްރީން ރައިޓަރު ޖާވިދު އަޚްތަރުގެ ދަރިފުޅު ފަރުހާން ކުޅުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ރޮކް އޯން"، "ޒިންދަގީ ނާ މިލޭގީ ދުބާރާ"، "ދިލް ދަޅަކް ނޭ ދޯ" އަދި "ވަޒީރު" ފާހަގަކޮށްލެވެ އެވެ. އެކްސަލް އެންޓަޓައިންމަންޓްގެ ނަމުގައި ސްޓޫޑިއޯއެއް ވެސް ހިންގަމުން އަންނަ ފަރުހާން އެންމެ ޑައިރެކްޓްކުރި ފިލްމަކީ 2011 ގެ "ޑޮން 2" އެވެ.