Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

އިމްތިއާޒްގެ އާ ފިލްމު ދެކުނުގެ އެކްޓަރަކާ އެކީ

ބޮލީވުޑްގެ ހުނަރުވެރި ޑައިރެކްޓަރު އިމްތިއާޒް އަލީ، މިހާރު އިންޑިއާގެ ދެކުނުގެ އެކްޓަރު ފަހަދު ފާސިލް ހިމަނައިގެން ފިލްމެއް ހަދަން ތައްޔާރީތައްވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ލޯބީގެ އަސަރުގަދަ ވާހަކައަކަށް ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރީންޕްލޭގެ ފައިނަލް ޑްރާފްޓް މަސައްކަތް އިމްތިއާޒް މިހާރު ކުރަމުންނެވެ. "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިމްތިއާޒްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ދިންޖީޖު ދޮސަންޖާއި ޕަރިނީތީ ޗޯޕްޅާއާ އެކު ނެޓްފްލިކްސް އަށް ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ.

ޕިންކްވިލާ އިން ބުނީ ފަހަދާ އެކީ އިމްތިއާޒް އާ ފިލްމަށް ތައްޔާރުވަމުން އަންނަ އިރު، މިހާރު ފިލްމަށް ބަތަލާއަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މި ފިލްމު ވާނީ އިމްތިއާޒްގެ ފިލްމެއްގެ ލީޑަށް ދެކުނު ބަތަލަކު ހިމަނައިގެން ހަދާ ފުރަތަމަ ފިލްމަށެވެ. އަދި މި ފިލްމު ވާނީ ފަހަދުގެ ފުރަތަމަ ހިންދީ ފިލްމަށެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފަހަދު، 42، މިހާތަނަށް ވަރަށް ގިނަ މަލަޔާޅަމް ފިލްމުތައް ކުޅެފައިވެ އެވެ. މީގެ އިތުރުން އޭނަ އަކީ ތެލެގޫ އަދި ތަމަޅަ ފިލްމުތައް ވެސް ކުޅޭ އެކްޓަރެކެވެ. މަޝްހޫރު ތެލެގޫ ފިލްމު "ޕުޝްޕާ" ގައި ވެސް ހިމެނޭ ފަހަދު، ޑިސެމްބަރުގައި ރިލީޒްކުރާ އޭގެ ދެވަނަ ބައިގައި ވެސް ހިމެނޭނެ އެވެ. އަދި އަންނަ މަހަށް ތާވަލުކޮށްފައި އޮތް ރަޖްނީކާންތުގެ ތަމަޅަ ފިލްމު "ވެއްޓައިޔަން" ގައި ވެސް ފަހަދު ހިމެނެ އެވެ.