Last Updated: September 16, 22:20
Monday, September 16, 2024
ރިޕޯޓް

ހެޔޮލަފާ މުއުމިނުންގެ ގާތަށް މަރު އަންނަ ހިނދު..!

* އޭނާގެ ފުރާނައާ ހަވާލުވެވަޑައިގަތުމަށް މޫނުތައް އަލިވެގެންވާ މަލާއިކަތުންތަކެއް ފައިބައިވަޑައިގަންނަވާނެ އެވެ.
* އެ ފުރާނައަށްޓަކައި ސުވަރުގެއިން ގެންނަވާ ކަފުނެއް އެބޭކަލުން ގެންނަވާނެ އެވެ.
* އެ ފުރާނައަށްޓަކައި އެބޭކަލުން ސުވަރުގެއިން ހުވަނދު ގެންނަވާނެ އެވެ.
* މަލަކުލް މައުތުގެފާނު އެފުރާނައާއި މުޚާތަބުކޮށް ވިދާޅުވާނެ: "ހޭ ހެޔޮލަފާ ނަފުސެވެ، ތިބާ ﷲ ގެ މަޣުފިރަތާއި ރުހިވޮޑިގަތުމަށް ނިކުމެގެން އަންނާށެވެ."
* އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދާނީ ފެންތައްޓަކުން ފެންތިއްކެއް އޮހޮރިގެންދާހާ ފަސޭހަކަމާ އެކުގަ އެވެ.
* އެ ފުރާނައާއިގެން މަލާއިކަތްބޭކަލުން ހަތްވަނަ އުޑާއި ހަމައަށް ދަތުރުކުރައްވާނެ އެވެ.
* މި ދަތުރުގައި އެބޭކަލުން އެމާތް ފުރާނައާއި ބެހޭގޮތުން ސުވާލުކުރައްވާ މަލާއިކަތުންނަށް އޭނާގެ އެންމެ ފުރިހަމަ ތައުރީފް ބަޔާންކޮށް ދެއްވާނެ އެވެ.
* ކޮންމެ އުޑެއްގެ މަލާއިކަތުން އެމާތް ފުރާނައިގެ ޝަރަފުގައި އަނެއް އުޑާއި ހަމައަށް އެފުރާނައާއިއެކު ދަތުރުކުރައްވާނެއެވެ.
ހަތްވަނަ އުޑާއި ހަމައަށް ދެވުމުން ﷲ ތަޢާލާ ވަޙީކުރައްވާނެ: "ތިމަން އިލާހުގެ އަޅާގެ ޢަމަލުތަކުގެ ފަތް، ހެޔޮލަފާ މީހުންގެ ޢަމަލްތައް ލިޔުއްވޭ "ޢިއްލިއްޔޫން" އޭ ކިޔުނު ފޮތުގައި ލިޔުއްވާށެވެ".
* ކަށްވަޅުގައި އެމީހަކަށްޓަކައި ސުވަރުގޭގެ ތަންމައްޗެއް ތައްޔާރު ކުރެވިފައި ވާނެ އެވެ.
* އަދި ކަށްވަޅުގައި ސުވަރުގޭގެ ފޭރާމުން އޭނާ ފޭރާން ލެއްވިގެންދާނެއެވެ.
* އޭނާއަށްޓަކައި ސުވަރުގެއިން ދޮރުކޮޅެއް ހުޅުވައިލެވި، ސުވަރުގޭގެ މީރު ހުވަނދުގެ ވަސްތަކާއި އަރާމް ފިނި ރޯޅިތައް އޭނާއަށް ލިބިލިބި ހުންނާނެ އެވެ.
* އޭނާގެ ކަށްވަޅު، ލޮލުކޮޅަށް ފެންނަ ދުރުމިނަށް ތަނަވަސްކުރެވިގެންދާނެއެވެ.
* އޭނާގެ ހެޔޮ ޢަމަލުތައް، ރިވެތިވެގެންވާ ސޫރައެއްގައި، ރިވެތި ފޭރާމެއް ލައިގެންހުރި، މީރުވަސްދުވާ ހުވަނދެއް ލައިގެން ހުރި މީހެއްގެ ސިފައިގައި އޭނާގެ ގާތަށް އައިސް އޭނާއަށްޓަކައި ސުވަރުގޭގައި ތައްޔާރުކުރެވިފައިވާ ނިޢުމަތްތަކުގެ އުފާވެރި ޚަބަރުތައް ދެމުންދާނެއެވެ.
* އެހިނދު އެނިޢުމަތްތައް ލިބުމުގެ އެދުމުގައި، ޤިޔާމަތް އަވަހަށް ޤާއިމްވުމަށް އެދި އެމީހަކު ދުޢާކުރާނެއެވެ.

(ނޯޓް: މި މައުލޫމާތަކީ މުސްނަދު އަޙްމަދާއި އެނޫންވެސް ޙަދީޘް ފޮތްތަކުގައި، އަލްބަރާ ބުން ޢާޒިބް ގެ އަރިހުން ރިވާވެގެންވާ ސައްޙަ ޙަދީޘްފުޅެއްގައިވާ ވާހަކަތަކެކެވެ.)

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.