Last Updated: September 16, 22:20
Monday, September 16, 2024
ދުނިޔެ

ލަވައެއް ބޭނުން ނުކުރަން ޓްރަމްޕަށް ކޯޓް އަމުރެއް!

މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭންތަކުގައި "ހޯލްޑް އޯން، އައި އޭމް ކަމިން" ލަވަ ބޭނުން ނުކުރަން އަންގައި ޖޯޖިއާގެ ކޯޓަކުން ވަގުތީ އަމުރެއް ނެރެފި އެވެ.

އެ އަމުރު ކޯޓުން ނެރުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ރިބަޕްލިކަން ނެޝަނަލް (ކޮންގްރެސް) ކުރިއަށް ގެންދިޔަ އިރު، ކެމްޕޭން އިވެންޓްތައް ފެށުމުގެ ގޮތުންނާއި ނިންމައިލުމުގެ ގޮތުން ލަވަ ބޭނުންކޮށްފައިވާތީ، ލަވައިގެ ޅެމުގައި ހިއްސާވާ ކުރީގެ ފަންނާނު، އިސާކް ހެޔެސްގެ އާއިލާ އިން އެ މައްސަލައިގައި ޓްރަމްޕްގެ ކެމްޕޭން ޓިމަށް ކުރި ދައުވާއަކާ ގުޅިގެންނެވެ.

އެގޮތުން ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ނިމެންދެން ޓްރަމްޕްގެ ކެމްޕޭންތަކުގައި ލަވަ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިސާކްގެ އާއިލާ އިން ކޯޓްގެ ނިންމުމަށް މަރުހަބާ ކިޔާފައިވެ އެވެ. އެގޮތުން ހެޔެސްގެ ދަރިއެއް ކަމަށްވާ އިސާކް ހެޔެސް ތިނެއް ބުނީ ޓްރަމްޕަކީ އެ އާއިލާގެ ތާއީދު އޮތް މީހެއް ވެސް ނޫން ކަމަށެވެ. އެހެންވެ އޭނަގެ ކެމްޕޭންގައި 2008 ގައި މަރުވެފައިވާ، ބައްޕަ ހިއްސާވާ ލަވައެއް ބޭނުން ކުރަން އާއިލާ އިން ގަބޫލު ނޫނީ ޓްރަމްޕަކީ ބަލައިގަންނަ ކަހަލަ ޝަހުސިއްޔަތަކަށް ވެސް ނުވާތީ ކަމަށް އިސާކް ތިނެއް ބުންޏެވެ.

"އެކަމަކު މިއީ ސިޔާސީ ކަމެއް ނޫން. މިއީ ޝަހުސާ ގުޅޭ ކަމެއް،" އޭނަ ބުންޏެވެ. "ކެމްޕޭނަށް ލަވަ ބޭނުން ކުރާތީ ދައުވާ ކުރަން ނިންމީ ލަވަ ބޭނުން ނުކުރަން ތަކުރާރުކޮށް އެދުމުން ވެސް ޓްރަމްޕްގެ ކެމްޕޭން ޓީމުން އެކަމަށް އިޖާބަ ދީފައި ނުވާތީ."

"ހޯލްޑް އޯން، އައި އޭމް ކަމިން" ގެ ވަގުތީ ކޯޓް އަމުރާ ގުޅިގެން ޓްރަމްޕްގެ ގާނޫނީ ޓިމްގައި ހިމެނިވަޑައިގަންނަވާ ރޮނާލްޑް ކޯލްމަން ވިދާޅުވީ އެ އަމުރަށް ކެމްޕޭން ޓީމުން އަމަލު ކުރާނެ ކަމަށެވެ. އަދި ލަވަ ބޭނުންކުރި މައްސަލައިގައި ހެޔެސްގެ އާއިލާ އިން ކުރި ދައުވާ ކޯޓުން ބޭރުގައި ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅވި އެވެ.

"ހޯލްޑް އޯން، އައި އޭމް ކަމިން" އަކީ 1966 ގައި ގެނެސްދީގެން ވަރަށް ބޮޑަށް މަޝްހޫރުވި ލަވައެކެވެ. އެ ލަވަ ކިޔާފައި ވަނީ ސޭމް އާއި ޑޭވް އެވެ.

ދާދި ފަހުން ޓްރަމްޕްގެ ކެމްޕޭން އިވެންޓެއްގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން 1997 ގެ ފިލްމު "ޓައިޓޭނިކް" އަށް ކިޔައި ދީފައވާ ތީމް ލަވަ، "މައި ހާޓް ވިލް ގޯ އޮން" ބޭނުންކޮށްފައިވާތީ އޭނަ ވެސް އެކަމާ ނުރުހިގެން އެކަމުގެ ކަންބޮޑުވުން ސޯޝަލް މިޑއާގައި ހިއްސާކުރި އެވެ.

ޓްރަމްޕް 2016 ގައި ރައީސް ކަމަށް ވާދަކުރެއްވި އިރު ވެސް، ހުއްދަ ނެތި އެކިއެކި ފަންނާނުންގެ ލަވަތައް ބޭނުންކޮށްފައިވެ އެވެ.