Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައިގެން ފޭރިގެންފި

ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައިގެން ފޭރުނު ދެ މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް، 30، އާއި ވިދުވަރު، ބ. ދަރަވަންދޫ، ހުސައިން ޝާއިފް، 32، އެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުރި ގެއެއްގެ ފާޚަނާ ފެންލައިޓުން ވަދެ، ކޮޓަރީގައި ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި، އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނެ، ބިރުދައްކާފައިވާ ކަމަށެވެ.

ކޮޓަރީގައި ތިބި ދެ މީހުންގެ މޮބައިލް ފޯނާއި، ލެޕްޓޮޕެއްގެ އިތުރުން އެހެނިހެން ތަކެތި ފޭރުނު މައްސަލަ އިއްޔެ ރިޕޯޓުކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ ތަކެތި ފޭރުމަށް ފަހު އެ ދެ މީހުން ފިލައިގެން ގޮސްފައިވަނީ އަލުން ފާޚަނާއަށް ވަދެ، އެތެރެއިން ދޮރު ތަޅުލުމަށް ފަހު ފެންލައިޓުން ނުކުމެގެން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށް، ފޭރުނު ލެޕްޓޮޕާއި މޮބައިލް ފޯނުތަކުގެ އިތުރުން ފޭރުނުކަމަށް ތުހުމަތުކުރާ އެހެނިހެން ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.