Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އިސްތިއުފާ ދީފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޙުސައިން ރިޟާ އާދަމް އަށް ފޮނުއްވި ސިޓީގައި ރިޒްނާ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގިނަ ގޮންޖެހުންތަކާއި ކުރިމަތިވީ ނަމަވެސ،ް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމު އަދާކޮށްފައިވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މަތިކުރެވިފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އޭނާގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ.

ނަމަވެސް 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ތަންޒީމްކުރެވިފައިވާ ޤާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުޞޫލުތަކުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނާއެކު މަސައްކަތް ކުރެވޭނެ އެއްވެސް މާހައުލެއް ނެތް ކަމަށް ރިޒްނާ ވިދާޅުވި އެވެ.

"ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އީޖާބީ ތަޞައްވުރެއް ހާމަކުރައްވާފައިނުވާކަމާއ،ި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފަޔެއް ވެސް މިހާތަނަށް ލިބިފައިނުވާކަންވެސް ފާހަގަކުރަމެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަވަންޖެހޭ ކަންކަމުގައި ވެސް ނިންމުންތައް ނިންމަވާފައެއް ވެސް ނުވެ އެވެ،" އެ ސިޓީގައި ރިޒްނާ ވިދާޅުވެފައިވެ އެވެ.

ރިޒްނާ ވިދާޅުވީ ކަންމިހެން އޮތުމުން، މިކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާ އެއް ލިބިފައިނުވާތީ، ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

މި ސަބަބުތައް އެހެން ހުރުމުން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން އިސްތިއުފާ ދިނުމަށް ނިންމީ ކަމަށް ރިޒްނާ ވިދާޅުވި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މަގާމަށް ރިޒްނާ އިސްތިއުފާ ދެއްވާފައިވާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަތަކެއް ޖޭއެސްސީ އިން އަންނަނީ ބަލަމުންނެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ރިޒްނާ އައްޔަންކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ.