Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ނަމާދު ދަސްކޮށްދޭ ޕްރޮގްރާމްތަކަށް މާލީ އެހީ ދެނީ

ރަށްރަށުގެ އިސްލާމީ ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ގުޅިގެން ކުރިއަށް ގެންދާ ތަރުބަވީ ކަންކަމަށް އިސްލާމިކް މިނިސްޓްރީގެ ޤާބިލްކަން ހުރި މިންވަރަކުން މާލީ އެހީތެރިކަން ލިބޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ ނަމާދަށް އަހުލުވެރި އަޚުލާޤު ރަނގަޅު ޖީލެއް ތަރުބިޔަތު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެންގުޅުއްވާ ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށްޓަކައި ކައުންސިލްތަކާއި ގުޅިގެން ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކާ ތަރުބަވީ މިފަދަ ކަންކަމަށް އިސްލާމީ ވުޒާރާގެ ޤާބިލްކަން ހުރި މިންވަރުން މާލީ އެހީތެރިކަން ދޭނެ ކަމަށެވެ.

އެކި ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ކުރިއަށް ގެންދާ ދީނީ ހަރަކާތްތަކަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ދިނުމަކީ ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ޝަހީމް މިހެން ވިދާޅުވި އިރު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ބޭނުންފުޅުވަނީ ފަތިހު ހޭލާ، ދީނީ ކަންކަމަށް ލޯބިކުރާ ގައުމެއް ދެކެން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މި ގައުމުގައި އިސްލާމީ އަހުލާގާ އެކީ އިސްލާމީ ދިވެހި އާދަކާދަ ވެސް ދިރުވައި އާލާކުރަން ޖެހޭ ކަމަށާއި އަދި ވެހީންގެ ވަރަށް ކައިރި ތާރީޚު ދައްކަނީ އާދަޔާހިލާފު ރީތި ނަމޫނާއެއް ކަމަށެވެ.

"ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން،" އެ މަނިކުފާނު ވިދާޅުވި އެވެ. "އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން."

އިސްލާމިކް މިނިސްޓްރީން އަންނަނީ ދީނީ ގޮތުން ޒުވާނުން ބިނާކުރަން ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ހާފިޒުން އުފެއްދުމާއި އެކަމަށް ހިތްވަރު ދޭން ތަފާތު ކަންކަން ފަހިކޮށް ދިނުމާއި އިމާމުވެ ހުކުރު ނަމާދުކުރާ ޒުވާން ޚަތީބުން ބިނާކުރުން ފަދަ ޕްރޮގްރާތައް ފާހަގަކޮށްލެވެ އެވެ.