Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ފޭދޫގެ ހުކުރު މިސްކިތްތަކަށް "ޅަ" މުއައްޒިނުން

ފޭދޫގައި ކުރިއަށް ގެންދާ ނަމާދު ޕްރޮގްރާމްގެ ބައިވެރިން ސެޝަނެއްގައި. ފޮޓޯ/ ފޭދޫ އަވަށު އޮފީސް

އައްޑޫ ފޭދޫގެ ހުކުރު މިސްކިތްތަކަށް "ޅަ" މުއައްޒިނުން ކަނޑައަޅައިފި އެވެ.

ފޭދޫ އަވަށު އޮފީހުން ވަނީ އެ އަވަށުގައި ހުކުރު ކުރާ ތިން މިސްކިތަކަށް ހަ މުއައްޒިނަކު ހަމަޖައްސައިފަ އެވެ. އެގޮތުން މާދަމާގެ ހުކުރު ނަމާދަށް ބަންގި ގޮވުމަށާއި ބަދަލުގައި ބަންގި ދޭނެ މުއައްޒިނުން ކަނޑައަޅާފައިވެ އެވެ.

މި މުއައްޒިނުންނަކީ ފޭދޫގައި މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ކުރިއަށް ގެންދާ އިމާމުވެ ނަމާދުކުރަން ދަސްކޮށްދޭން ފަށާފައިވާ ޕްރޮގްރާމްގެ ބައިވެރިންނެވެ. އަދި މިއީ ފޭދޫ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެކެވެ.

ފޭދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ނަމާދު ޕްރޮގްރާމަކީ ތިން މަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓްރީން ވެސް މިހާރު އަންނަނީ ދީނީ ކަންކަމަށް އަހުލުވެރި، ދީނީ ކަންކަމަށް ލޯބިކުރާ ޒުވާން އާ ޖީލެއް ބިނާކުރަން ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ ރަށްރަށުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން ނަމާދު ކުރަން ކުޑަކުދިންނަށް ދަސްކޮށް ދިނުމާއި އެ ނޫން ވެސް ތަރުބަވީ ޕްރޮގްރާމްތަކާއި ވޯކްޝޮތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.