Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ޒަމީރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު--- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ދުވަހުގެ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއް، މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ޚާރިޖީ ވަޒީރަށް އަރުވާފަ އެވެ.

މީގެ އިތުރުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވި އެވެ. އަދި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ޒިރާޔަތްކުރައްވައި ޔޫއޭއީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރާއި މުވައްޒަފުންނާ ބައްދަލުކުރެއްވި އެވެ.