Last Updated: November 27, 01:11
Tuesday, November 26, 2024
މުނިފޫހިފިލުވުން

އާލިއާގެ "ޖިގްރާ" ގެ ޕޯސްޓަރުތަކެއް

މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އާލިއާ ބަޓްގެ އާ ފިލްމު "ޖިގްރާ" ގެ ޕޯސްޓަރުތަކެއް މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި އެކްޝަން ފިލްްމަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި އޭނަގެ މެންޓޯ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ފިލްމެކެވެ. "ޖިގްރާ" ގެ ޑައިރެކްޓަރަކީ 2019 ގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އާއި 2022 ގެ "މޮނިކާ، އޯ މައި ޑާލިން" ގެނެސްދިން ވަސަން ބާލާ އެވެ.

އާލިއާއާ އެކީ ޖިގްރާގެ ރޯލަކުން ޒުވާން އާ އެކްޓަރު ވެދާންގް ރައިނާ ވެސް ފެންނާނެ އެވެ. "ޖިގްރާ" ޕޯސްޓަރުތަކުގައި ހިމަނާފައިވާ ކެޕްޝަނުން ދޭހަވާ ގޮތުގައި ވެދާންގް ކުޅެފައި ވަނީ އާލިއާގެ ކޮއްކެ ރޯލެވެ. އަދި ފިލްމުގެ މައިގަނޑު އެނބުރޭނީ ނުރައްކެއްގެ ތެރޭގައިވާ ކޮއްކޮ ސަލާމަތްކުރަން އާލިއާ ކުރާ ހިތްވަރަށެވެ.

ވެދާންގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ.

އަންނަ ހަފުތާގެ ޓީޒާ ޓްރެއިލާ ނެރޭނެ ކަމަށް ބެލެވޭ "ޖިގްރާ" އަކީ އާލިއާ ޕްރޮޑިއުސްކޮށް، ކުޅުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާ ގުޅިގެން 2022 ގައި ގެނެސްދިން "ޑާލިންސް" އެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން މިހާރު އަންނަނީ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ. ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އާލިއާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ހިމެނެ އެވެ.