Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ރައީސް ފެއްޓެވީ ބޮޑުތަކުރުފާނު ފެށި ފަދަ މަސައްކަތެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވަނީ މުހައްމަދު ބޮޑުތަކުރުފާނު ފެއްޓެވި ފަދަ އިސްލާހީ މަސައްކަތެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި ރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަމުން ނަސީރު ވިދާޅުވީ ބޮޑުތަކުރުފާނު ރާއްޖޭގެ އުދަރެހުން ވިދާލި ދުވަސްވަރަކީ ރާއްޖެއަށް އިސްލާހުތައް ބޭނުންވެފައި އޮތް ދުވަސްވަރެއް ކަމަށާއި އެގޮތުން ރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވެފައިވުމުން ދިވެހި ދައުލަތެއް އަލުން އިޔާދަކޮށް އިސްލާހުކުރަން އޭރު ޖެހުނު ކަމަށެވެ. އަދި މުސްލިހަކު ބޭނުންވެފައި އޮތް ދުވަސްވަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދަށްފަހު ރާއްޖެ އަށް ގެންނެވީ މިކަންކަން އަލުން އިޔާދަކުރުމުގެ މޫސުމެއް ކަމަށާއި ރައީސް މުއިއްޒު ވެސް މިއަދު ފައްޓަވާފައިވަނީ މިފަދަ އިސްލާހީ މަސައްކަތެއް ކަމަށް ނަސީރު ވިދާޅުވި އެވެ.

"ރާއްޖޭގެ އަހުލާގު އިސްލާހު ކުރެއްވުން، ރާއްޖޭގެ މިނިވަންކަން ބާރުގަދަ ކުރައްވާ އިސްލާހު ކުރެއްވުން، ރާއްޖޭގެ މަސައްކަތްތެރިކަން އިސްލާހު ކުރެއްވުން، ޒުވާނުންގެ ހުނަރާ ފަންނުވެރިކަން އިޔާދަކޮށް އިސްލާހު ކުރުން، ދިވެހީންގެ ތާރީޚާ ތަރިކަތައް ދިވެހިންގެ ހިތްތަކާ ދިރިއުޅުމުގެ ބަޔެއްކަމަށް ގެންނަވާ ދިވެހިންގެ ރޫހުގައި، ދިވެހިންގެ ގޮތުގައި ދިވެހިންނަކީ ކޮން ބައެއްކަން އެނގޭ ޒަމާނެއް ގެނެސް އަތުރާލުމާއި އިސްލާހު ކުރުމުގެ ޒަމާން،" ނަސީރު ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ އަދުގެ ތާރީޚުގެ މުސްލިހު ކަމަށާއި އަދި އެއީ ދިވެހިން އަލުން އައު ހަޤީޤަތްތަކުގެ މައްޗަށް ހޭލައްވާލުމުގެ ބާނީ ކަމަށްވެސް ނަސީރު ވިދާޅުވި އެވެ. އަދި ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ރައީސް ހިތްވަރު ދެއްވި ކަމަށްވެސް ވިދާޅުވި އެވެ.