Last Updated: September 16, 22:20
Monday, September 16, 2024
ކުޅިވަރު

ރޮނާލްޑޯ 900 ގޯލު ހަމަކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކްރޮއޭޝިއާ މައްޗަށް 2-1 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގެ 900 ވަނަ ގޯލު ހަމަކޮށްފި އެވެ.

ރޮނާލްޑޯ ،39، އަކީ ކެރިއަރުގައި 900 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ކާމިޔާބު 20 އަހަރުވީ ކެރިއަރުގައި ރޮނާލްޑޯ ވަނީ ފަސް ކްލަބަކަށް ކުޅެފަ އެވެ. އެގޮތުން ސްޕޯޓިން ލިޒްބަން އަށް ފަސް ގޯލާއި ރެއާލް މެޑްރިޑަށް 450 ގޯލާއި މެންޗެސްޓާ ޔުނައިޓެޑަށް 145 ގޯލާއި އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް 101 ގޯލުގެ އިތުރުން ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރަށް 68 ގޯލު ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްދީފަ އެވެ.

ރޮނާލްޑޯ އަކީ ޕޯޗުގަލް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތް ކުޅުންތެރިޔާ އެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ވަނީ 131 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޕޯޗުގަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރޮނާލްޑޯގެ އިތުރުން ދެން ޕޯޗުގަލް އަށް ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ޑިއޯގޯ ޑަލޯ އެވެ. ކްރޮއޭޝިއާގެ ހަމައެކަނި ގޯލަކީ ޑަލޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ނޭޝަންސް ލީގުގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ ސްކޮޓްލޭންޑާ އެވެ.