Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

"ބިބީ" ގެ ޑައިރެކްޓަރުގެ ވާހަކަ އަޑު އަހާލަމާ!

އާ ޑައިރެކްޓަރެކެވެ. އަންހެން ޑައިރެކްޓަރެކެވެ. އަންނަ މަހު ގެނެސްދޭން އުޅޭ ހޮރޯ-ކޮމެޑީ "ބިބީ" ގެ މޭސްތިރިޔާ އެވެ. ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ޑާކް ރެއިނަށް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ ޓީވީ ޕްރެެޒެންޓަރު އަދި ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ފުރަތަމަ ފީޗާ ފިލްމެވެ.

އޮލިމްޕަހަށް "ބިބީ" ގެންނަން އޮތީ އަންނަ މަހުގެ 7 އެވެ. މިހާރު މީގެ ޕްރޮމޯޝަންތައް ފޯރީގައި ކުރިއަށް ގެންދާ އިރު، މިއޮތީ ފިލްމާ ގުޅޭ ގޮތުން ޑައިރެކްޓަރު ހިއްސާކުރި މުހިއްމު ވާހަކަތަކެކެވެ. ނިކަން އަޑު އަހާލަމާ ހިނގާށެވެ.

ހިތްވަރު ދިނުމުގެ ގޮތުން ޝަހުދާ "ބިބީ" އަކީ ބަލާލަން ދާން ޖެހޭ ވަރުގެ ފިލްމެކެވެ. އެއް ކަމަކީ އަންހެން ޑައިރެކްޓަރުން ވަރަށް މަދު ރާއްޖޭގެ ފިލްމީ ދާއިރާ އަށް މުޅިން އާ އަންހެން ޑައިރެކްޓަރަކު އުފަންވުމެވެ. އަނެއް ކަމަކީ ހޮރޯ-ކޮމެޑީ، މި ޖޯންރާ އަކީ ދިވެހި ސިނަމާއަށް އަދި ތަންކޮޅެއް ބީރައްޓެހި ޖޯންރާއަކަަށްވާތީ ޝަހުދާ ލިޔެ، ޑައިރެކްޓްކުރި "ބިބީ" އަށް ކިހާރަކަށް އިންސާފުކޮށް ދެވިފައިވޭތޯ ބަލާލަން ޖެހުމެވެ.

ބޮލީވުޑަށް ބަލާ އިރު، ހޮރޯ-ކޮމެޑީ އަކީ މިހާރު އެންމެ ހިނގާ އެއް ޖޯންރާ އެވެ. މިދިޔަ މަހުގެ 15 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދަމުން އަންނަ "އިސްތިރީ 2" އަށް ލިބެމުން އަންނަ ތަރިހީބަށް ބަލާ އިރު، މި ޖޯންރާގެ ޖާދޫ ވަރަށް ގަދަ އެެވެ.

އެހެންވެ ޑާކް ރެއިންގެ ތައްގަނޑުގައި ޝަހުދާ ގެނެސްދޭ "ބިބީ" އަކީ ބެލުންތެރިން ބިރުގަންނުވާލައި ހެއްވައިލާނެ ވަރަށް ޝައުގުވެރި ފިލްމަކަށްވާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. އޭނަ ހިއްސާކުރި ވާހަކަތަކަށް ބަލާ އިރު، ފިލްމު ހަދާފައި އޮތީ ބެލުންތެރިން ވަރަށް ބޭނުންވާނެ ކަހަލަ ގޮތަކަށެވެ. އެގޮތުން "ބިބީ" ގެ ކެރެކްޓާތައް ބިލްޑްކުރަން ހާއްސަ ސަމާލުކަމެއް ދިން ވާހަކަ އާއި ފިލްމުން ވަރަށް މުހިއްމު މެސެޖެއް ލިބޭނެކަމުގެ އިޝާރާތެއް ޝަހުދާ ދީފައިވެ އެވެ.

އެހެންވެ "ބިބީ" ބަލާލަން ދިއުމުގެ ކުރިން ފިލްމާ ބެހޭ ގޮތުން އޭނަ ހިއްސާކުރި ވާހަކަ އާއި އަލަތު ފީޗާ އަށް ކުރި ތަޖުރިބާގެ ވާހަކަ އަޑު އަހައިލުން ވަރަށް ރަނގަޅު ކަމަކަށް ވާނެ އެވެ.

މި ފިލްމު ޓިކެޓް މިހާރު ބުކްކޮށް ދެމުން އަންނަ އިރު، ޓީޒާއެއް ވެސް އޮތީ އާންމުކޮށްފަ އެވެ.

"ބިބީ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަހުދާގެ ފިރިމީހާ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ޝީލާ ނަޖީބުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އެވެ. މި ތަރިންނާ އެކީ އިތުރު ގިނަ ފަންނާނުންތަކެއް ފިލްމުން ފެނިގެން ދާނެ އެވެ.