Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

މީހުން މާތްކުރާން ވާނީ ދީނުގައި ހުއްދަކޮށްފައިވާ މިންވަރަށް

މުސްލިމުން އެކި ފަރާތްތައް މާތްކުރާން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ މުސްލިމުން ކަންތައްކުރަންވާ ގޮތް ދީނުގައި ވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައި އަންގަވައިފައިވާ ކަމަށާއި މުސްލިމުން އެކި ފަރާތްތައް މާތްކުރަން ވާނީ މާތްވެގެންވާ އިސްލާމް ދީނުގައި ހުއްދަކުރައްވައިފައިވާ މިންވަރަށް ކަމަށެވެ.

"ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ޙަދީޘްތަކާ ޚިލާފުވާ ގޮތަކަށް އެކި ފަރާތްތައް މާތްކުރުމަކީ ޝިރުކުކުރުމަށް މަގުފަހިވެދާނެ ކަމެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ޝިރުކުކުރުމަކީ ހަމަ އެކަނި ބުދަށް އަޅުކަން ކުރުމާއި އެ ނޫން ވެސް އެފަދަ ތަކެއްޗަށް ސަޖިދަކުރުން ނޫން ކަމަށާއި އަހަރެމެންނަށް ނޭނގި އަހަރެމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ޝިރުކު ކުރެވޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ކީރިތި ރަސޫލާ ރަސޫލު ކަމާއިގެން ފޮނުއްވުމުން އެކަލޭގެފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ މާތްﷲ ފިޔަވައި މީސްތަކުން އަޅުކަންކުރަމުން ދިޔަ ފަރާތްތަކަކީ ބާޠިލު ފަރާތްތަކެއްކަން އަންގަވައިދެއްވުމާއި، ޙައްޤުވެގެން އަޅުކަންކުރާން ޖެހެނީ ހަމައެކަނި މާތްﷲ އަށް ކަން މީސްތަކުންނަށް އަންގަވައިދެއްވުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

ކީރިތި ރަސޫލާ މައްކާގައި ހޭދަކުރެއްވި ތޭރަ އަހަރު އެކަލޭގެފާނު ހޭދަކުރައްވައިފައި ވަނީ ހަމައެކަނި މާތް ﷲގެ އެއްކައުވަންތަކަމަށް ހެކިވުމަށާއި، އެކަލާނގެ ރުބޫބިއްޔަތަށް އީމާންވުމަށާއި، އެކަލާނގެ އުލޫހިއްޔަތަށް އީމާންވުމުގެ މައްޗަށް ގޮވައިލެއްވުމުގައި ކަމަށް ހުތުބާގައި ބުންޏެވެ. މިކަމުން އަންގައިދެނީ ޢަޤީދާގެ މާތްކަމާއި، މި ޢަޤީދާ ވާންޖެހޭނީ ހަރުދަނާ ޢަޤީދާއަކަށް ކަމަށާއި އިންސާނުން އަޅުކަން ކުރާންޖެހޭނީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކާއި، އެންމެހައި މަޚުލޫޤުން ވެސް ހެއްދެވި މާތްﷲ އަށް ކަމަށް ބުނެފައިވެ އެވެ.