Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ދިލްޖީތު ވެސް "ބޯޑާ 2" ގެ ކާސްޓަށް

ސަނީ ޑިއޯލްގެ "ބޯޑާ 2" އަށް ވަރޫން ދަވަން ވެސް ސޮއިކޮށްފައި ވަނިކޮށް މީގެ ކާސްޓަށް ދިލްޖީޖު ދޮސަންޖް ވެސް އިތުރުވެއްޖެ އެވެ.

މިއަދު މިކަން އިއުލާންކޮށް، ފިލްމުގެ ޓީމުން އޭނަ އަށް މަރުހަބާ ކިޔާފައިވެ އެވެ. ޕަންޖާބީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުވި ދިލްޖީތަށް މި ފަހުން އަންނަނީ ބޮލީވުޑުން ވަރަށް ގިނަ ފުރުސަތުތައް ލިބެމުންނެވެ. އޭނަގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ މި އަހަރުގެ ކުރީކޮޅު ޑައިރެކްޓަރު އިމްތިއާޒް އަލީ ނެޓްފްލިކްސް އަށް ގެނެސްދިން "އަމަރު ސިންގް ޗަމްކީލާ" އެވެ. އޭގެ ބަތަލާ އަކީ ޕަރިނީތީ ޗޯޕްޅާ އެވެ.

"ބޯޑާ 2" ގެ ކާސްޓަށް ދިލްޖީތު އިތުރުވި އިރުމި ފިލްމަކީ ޖެނުއަރީ 23، 2026 ގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. މިއީ އިންޑިއާ އާއި ޕާކިސްތާނުން 1971 ގައި ކުރި ލޮނގެވާލާ ހަނގުރާ އަށް ބިނާކޮށް 1997 ގައި ޑައިރެކްޓަރު ޖޭޕީ ދައްތާ ގެނެސްދިން "ބޯޑާ" ގެ ސީކްއެލް އެވެ.

އެ ފިލްމުގެ ކާސްޓްގައި ސަނީގެ އިތުރުން ސުނިލް ޝެޓީ، އަކްޝޭ ކަންނާ ޖެކީ ޝްރޮފް، ޕޫޖާ ބަޓް، ތައްބޫ، ރާކީ، ޕުނީތު އިސާރު އަދި ސުދޭޝް ބެރީ ފަދަ ތަރިން ހިމެނެ އެވެ.

"ބޯޑާ 2" ހަދަނީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޖޭޕީ ދައްތާގެ ކުންފުނި ޖޭޕީ ފިލްމްސް ގުޅިގެންނެވެ. މީގެ ޑައިރެކްޓަރަކީ 2019 ގެ ތާރީހީ ހަނގުރާމަ ފިލްމު "ކޭސަރީ" ގެނެސްދިން އަނޫރާގް ސިންގް އެވެ.