Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ސެލީނާ އަކީ މިހާރު ބިލިއަނަރެއް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ސެލީނާ ގޮމޭޒްގެ މިލްކިއްޔާތު ބިލިއަން ޑޮލަރަށް އަަރައިފި އެވެ.

ބްލޫމްބާގް އިން ބުނި ގޮތުގައި 32 އަހަރުގެ ފަންނާނުގެ މިލްކިއްޔާތު މިހާރު 1.3 ބިލިއަން ޑޮލަރަށް އަރަ އެެވެ. މީޑިއާތަކުން ބުނީ ސެލީނާގެ މުއްސަނދިކަން އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަކީ އޭނަ 2020 ގައި ލޯންޗްކުރި ކޮސްމެޓިކް ބްރޭންޑް، "ރެއާ ބިއުޓީ" ގެ މަގޫބުލުކަން ބޮޑުވުމެވެ.

އެގޮތުން އެ ބްރޭންޑްގެ ރައުސްމާލު ވެސް މިހާރު 1.1 ބިލިއަން ޑޮލަރަށް އަރަ އެވެ.

އެމެރިކާ އަށް ޓެކްސަސް އަށް އުފަން ސެލީނާ އަކީ ވަރަށް ކުޑައިރު، ކެރިއަރު ބިނާކޮށް، އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫ؛ު ކަމެއް ހޯދާފައިވާ ފަންނާނެކެވެ. އަދި ކައިވެނި ނުކުރާ ސެލީނާ މިހާތަނަށް ތިން ސޯލޯ އަލްބަމް ނެރެފައިވެ އެވެ. އެއީ 2013 ގެ "ސްޓާސް ޑާންސް" އާއި 2015 ގެ "ރިވައިވަލް" ގެ އިތުރުން 2020 ގެ "ރެއާ" އެވެ.

ކުރިން ލަވަކިޔުންތެރިޔާ ޖަސްބިން ބީބާއާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ސެލީނާގެ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި މިއުޒިކަލް ކްރައިމް ކޮމެޑީ "އެމިލިއާ ޕެރޭޒް" އެވެ.

ސެލީނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބެނީ ބްލާންކޯއާ އެވެ. ވާޖިނިއާ އުފަން ބެނީ، 36، އަކީ ރެކޯޑް ޕްރޮޑިއުސަރެކެވެ.