Last Updated: September 16, 22:20
Monday, September 16, 2024
ކުޅިވަރު

ފަހަތުން އަރާ އިޓަލީން ފްރާންސް ބަލިކޮށްފި

ޔޫއެފޭ ނޭޝަންސް ލީގުގައި ރޭ އިޓަލީން 3-1 އިން ފްރާންސް ބަލިކޮށްފި އެވެ.

ފްރާންސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 13 ވަނަ ސިކުންތުގައި ބްރޭޑްލީ ބާކޯލާ ވަނީ ފްރާންސަށް ލީޑު ނަގައިދީފަ އެވެ. މިއީ އިޓަލީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބާކޯލާ ޖެހި ގޯލެކެވެ. އޭގެ ފަސް މިނެޓްފަހުން ނަތީޖާ އެއްވަރުކޮށްލަން އިޓަލީގެ ޑޭވިޑޭ ފްރަޓޭސީ އަށް ހުސް ފުރުސަތެއް ލިބުނު އިރު އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އިޓަލީން ނަތީޖާ އެއްވަރުކުރީ މެޗުގެ 30 ވަނަ މިނެޓްގަ އެވެ. ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން މި ގޯލު އިޓަލީ އަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ޑިމާކޯ އެވެ. އަދި މެޗުގެ 50 ވަނަ މިނެޓްގައި އިޓަލީ އަށް ލީޑު ނަގައިދިނީ ފްރަޓޭސީ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ރެޓެގުއި ފްރާންސްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.

މި ގޯލަށްފަހު އިޓަލީން ދިޔައީ ފްރާންސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އުޑޯގީ ދިން ޕާހަކުން މެޗުގެ 74 ވަނަ މިނެޓްގައި ޖިއާކޯމޯ ރަސްޕަޑޯރީ ވަނީ އިޓަލީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އިޓަލީ އަށް މޮޅެއް ކަށަވަރުކޮށްދީފަ އެވެ.

ނޭޝަންސް ލީގުގައި ފްރާންސް ދެން ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ. އިޓަލީ ނިކުންނާނީ އިޒްރޭލާ ދެކޮޅަށެވެ.