ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމުން 3-1 އިން އިޒްރޭލް ބަލިކޮށްފި އެވެ.
ސަޕޯޓަރުން ނުވައްދާ ކުޅުނު މި މެެޗުގެ 21 ވަނަ މިނެޓްގައި ބެލްޖިއަމުން ވަނީ ލީޑު ނަގާފަ އެވެ. ޖެރެމީ ޑޮކޫ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މި ގޯލު ބެލްޖިއަމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކެވިން ޑި ބްރޭނާ އެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި އިޒްރޭލުން ނަތީޖާ އެއްވަރުކުރިއިރު މި ގޯލަކީ ބެލްޖިއަމްގެ ޑިފެންޑަރު ޓިމޮތީ ކަސްޓާންޔޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ބެލްޖިއަމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 48 ވަނަ މިނެޓްގައި ޔޫރީ ޓީލަމެންސް އެވެ. މިއީ އިޒްރޭލުގެ އޭރިއާ ތެރޭ ހުރެ ޓީލަމެންސް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޑި ބްރޭނާ ވަނީ ބެލްޖިއަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފަ އެވެ.
އޭގެ ހަތަރު މިނެޓް ފަހުން ބެލްޖިއަމަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް އޮޕެންޑާ ފޮނުވާލި ޕެނަލްޓީ އިޒްރޭލުގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ނޭޝަންސް ލީގުގައި ރޭ ތުރުކީ އާއި ވޭލްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އައިސްލޭންޑުން ވަނީ 2-0 އިން މޮންޓެނީގްރޯ ބަލިކޮށްފަ އެވެ. ރޮމޭނިއާ އިން 3-0 އިން ކޮސޯވޯ ބަލިކުރިއިރު އޮސްޓްރިއާ އާއި ސްލޮވީނިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.