Last Updated: September 16, 22:20
Monday, September 16, 2024
ރިޕޯޓް

ބަންކަރިން އަކީ ކޮބާ؟

ބަންކަރިން އަކީ އުޅަނދު ފަހަރަށް ތެޔޮ ސަޕްލައިކުރުމެވެ. މީގެ ތެރޭގައި އުޅަނދަށް ތެޔޮ އެޅުމާއި އުޅަނދުގައި ހުރި ތެޔޮ ޓޭންކުތަކަށް ބެހުމުގެ މަސައްކަތްތައް ހިމެނެ އެވެ. މި ޚިދުމަތަކީ ކަނޑުގެ އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންތެރި ޚިދުމަތެއް ކަމުގައި ވާއިރު، މިއީ ބަނދަރެއްގައި ބަނދަރު ކުރަން ނުޖެހި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދީގެން އެމީހުންގެ ދަތުރުތައް ކުރިއަށް ގެންދެވޭނެ ޚިދުމަތެކެވެ.

މިއީ ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ޚިދުމަތެކެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ޕްލޭނުގައި ބަންކަރިން ޚިދުމަތް ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ ބޮޑެތި އުޅަނދުތަކުގައި ތެޔޮ ބަރުކޮށްގެން، މާކަނޑުގެ ސަރަޙައްދުން ދަތުރުކޮށް، ހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ނުވަތަ މި ސަރަޙައްދުގެ ކައިރިން ދަތުރުކުރާ ބޭރުގެ ބޯޓުތަކަށް ތެޔޮ ވިއްކުމަށެވެ.

މި ޚިދުމަތްތަކުގައި ހިމެނެނީ ތެޔޮ ލޯޑްކުރުމާއި، އޮފްޝޯ އޮޕަރޭޝަންސް އަދި ތެޔޮ ފޯރުކޮށް ދިނުމެވެ. ތެޔޮ ލޯޑްކުރާނީ އެސްޓީއޯ އާއި ވިޓޯލް އިން ނިންމާފައިވާ ތަންތަނުންނެވެ. އޮފްޝޯ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު، ހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އިސްތިރާތީޖީ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާނެ އެވެ. މި އުޅަނދުފަހަރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ އެއް ހަމައެއްގައި މަޑުކޮށް، އެ އުޅަނދުތަކުގެ ހަރަކާތްތައް ބަލަހައްޓަމުން ގެންދާނެ އެވެ. އަދި ތެޔޮ ފޯރުކޮށްދިނުމުގައި ތެޔޮ އަޅަން ބޭނުންވާ ބޭރުގެ ބޯޓުތައް ބަންކަރިންގ އުޅަނދުތަކާ ކައިރިވެ، އެތަނުން ތެޔޮ ސީދާ އެ އުޅަނދުތަކަށް ބަދަލުކުރެވޭނެ އެވެ.

ރައްކާތެރިކަމާއި ހަރުދަނާ ބަންކަރިން ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ހުރިހާ އޮޕަރޭޝަންތަކެއް ވެސް ބައިނަލްއަޤްވާމީ ސަލާމަތާއި ތިމާވެށީގެ ގަވާއިދުތަކަށް ތަބާވާނެކަމަށް އެސްޓީއޯ އިން ވަނީ ހާމަކޮށްފަ އެވެ. މި ޚިދުމަތަކީ ދުނިޔޭގެ ޝިޕިން ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ޚިދުމަތެއްކަމަށް އެސްޓިއޯ އިން ވަނީ ބުނެފަ އެވެ.

ބަންކަރިން ޚިދުމަތް ތަޢާރަފުކުރުމުން ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އިޤްތިޞާދީ ކުރިއެރުމެވެ. މި ސަރަޙައްދުގެ މުހިންމު ތެޔޮ ވިއްކާ މަރުކަޒަކަށް ރާއްޖެ ވެގެން ދިއުމުގެ ސަބަބުން، މި ކަނޑުން ދަތުރުކުރާ ކޮންމެ އުޅަނދަކުން ވެސް ތެޔޮ ގަތުމުގެ ފުރުޞަތު ލިބި، އޭގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެން ދާނެ އެވެ. މިކަމުގެ ސަބަބުން ޤައުމީ އާމްދަނީ އިތުރުވެ، ވަޒީފާގެ އައު ފުރުޞަތުތައް އުފެދި، އަދި ޖުމުލަކޮށް ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުވެގެންދާނެކަން ޔަޤީނެވެ. އެންމެ އަސާސީ ފަޅުވެރިންގެ މަސައްކަތުން ފެށިގެން ޗީފް އިންޖިނޭރުންނާ ހަމައަށް ވަޒީފާތައް އިތުރުވުމުގެ ފުރުޞަތުތައް ފަހިވެގެން ދާނެ އެވެ.

ނޯޓް: މިއީ އިކޮނޮމިކް މިނިސްޓަރީގެ އާޓިކަލެކެވެ.