Last Updated: September 16, 22:20
Monday, September 16, 2024
މުނިފޫހިފިލުވުން

ކޮމެޑީ ރޯލު ފަސޭހައެއް ނޫން: ޝަރަފް

ކޮމެޑީ ރޯލެއް ކުޅެން ފަސޭހަ ނޫން ކަމަށާއި އެކަމަކު އަންނަ މަހު އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން އަންނަ ހޮރޯ-ކޮމެޑީ "ބިބީ" ގައި ކުޅުނު ކެރެކްޓާ އަށް ކުރެވިިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް އެ ފިލްމުގެ ބަތަލު ޝަރަފު އަބްދުﷲ ބުނެފި އެވެ.

މި ފިލްމަކީ އޭނަގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓޮށްފައިވާ ފިލްމެކެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުން ހަދާފައިވާ ފިލްމު އަންނަ މަހުގެ 7 ގައި ޕްރީމިއާ ކުރަން ތައްޔާރުވަމިން އަންނަ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އަރަމުން އަންނަ ޒުވާން އެކްޓަރު ބުނީ ކުރިން ކޮމެޑީ ރޯލެއް ކުޅެފައި ނުވާތީ އެކަލަ ރޯލެއް ކުޅެން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމަށެވެ.

އަދި އަންހެނުން "ބިބީ" ލިޔަމުން ދިޔަ އިރު، މީގައި ކޮމެޑީ އިން ރޯލު ކުޅެވިދާނެތޯ އެހުމުން އެކަހަލަ ރޯލެއް ޓްރައިކޮށްލަން ވަރަށް ބޭނުންވާކަން ކަމަށް ބުނި ކަމަށް ޝަރަފު ބުންޏެވެ.

"އަސްލު މިއީކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން،" ކޮމެޑީ ރޯލު އުނދަގޫކަން ފާހަގަކުރަމުން ޑާކް ރެއިނުން މި އަހބަރު ގެނެސްދިން ފުރަތަމަ ފިލްމު "ފުރޭތަ" ގެ ބަތަލު ބުންޏެވެ. "އެހެންވެ އަސްލު ޓްރައިކޮށްލަން ބޭނުންވީ ވެސް. އަސްލު ހިއެއް ނުކުރަން މީއި ކުޅެފައި އިން ކެރެކްޓާ ޕުލްއޮފް ވެސް ކުރެވިދާނެ ކަމަކަށް."

ޝަރަފް ބުނީ ފިލްމު މަސައްކަޔް ކުރަމުން ދިޔަ އިރު ވެސް އޭނަ އަށް ކެރެކްޓާ އިންސާފުކޮށް ދެވެނީ ރަނގަޅަށްތޯ ސުވާލުތަކެއް އުފެދުނު ކަމަށެވެ.

"އެކަމަކު މަސައްކަތް އެއްކޮށް ނިންމާފައި "ބިބީ" ގެ ޓީމު ފިލްމު ބަލާފައި މަސައްކަތް ވަރަށް ރަނގަޅުކަން ފާހަގަކުރި ކަމަށް ޝަރަފު ބުންޏެވެ.

އޭނަ ބުނި ގޮތުގައި މި ފިލްމަކީ ބިރުވެރި ފިލްމުތަކަށް ލޯބިކުރާ މީހުންނާއި ކޮމެޑީ އަށް ލޯބިކުރާ މީހުން ބޭނުންވާނެ ކަހަލަ ފިލްމަކަށް ވާނެ އެވެ. އެގޮތުން އެ ދެ ރަހަ ހެޔޮވަރުކޮށްފައި އޮތް މި ފިލްމަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބަލާލެވޭނެ ކަހަލަ އާއިލީ ފިލްމެއް ކަމަށް ބުންޏެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި އަންހެނުން އައިޝަތު ފުއާތު ތައުފީގް ޕްރޮޑިއުސްކޮށްފައިވާ "ބިބީ" ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ.

މި ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަރަފާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ޝީލާ ނަޖީބުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އެވެ. މި ތަރިންނާ އެކީ އިތުރު ގިނަ ފަންނާނުންތަކެއް ފިލްމުން ފެނިގެން ދާނެ އެވެ.