Last Updated: September 16, 22:20
Monday, September 16, 2024
ދުނިޔެ

ޑިކް ޗޭނީގެ ތާއީދު ކަމަލާ އަށް

މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓް ދެއްވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް އަށް ކަމަށް ކުރީގެ ނައިބު ރައީސް ޑިކް ޗޭނީ ވިދާޅުވެއްޖެ އެވެ.

ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގެ ދެ ދައުރުގައި 2001-2009 އަށް ނައިބު ރައީސްކަން ކުރެއްވި ޗޭނީ، 83، އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކަމަލާ އަށް ތާއީދު ކުރައްވާ މައިގަނޑު ސަބަބަކީ އެ ކަމަނާ އަކީ އެމެރިކާގެ ގަދަރާއި އިހުތިރާމް ހިފަހައްޓަވާނެ ޝަހުސިއްޔަތަކަށްވާނެތީ ކަމަށެވެ.

"ކަމަލާ އަކީ އަހަރެމެންގެ ގާނޫނުއަސާސީގެ ދިފާއުގައި ވެސް މަސައްކަތް ކުރައްވާނެ ބޭފުޅެއް،" އެމެރިކާގެ އެންމެ ނުފޫޒު ގަދަ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗޭނީ ވިދާޅުވި އެވެެ. "އެހެންވެ އަހަރެންގެ ވޯޓް އޮތީ ކަމަލާ އަށް."

އޭނަ ވިދާޅުވީ ރިބަޕްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަކީ ވެރިކަން އަލުން ދޭން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމެރިކާގެ 248 އަހަރުވީ ތާރީހުގައި ވެސް އެވަރުގެ ފީކަޅާ ރައިސެއް ވެރިކަމަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ޓްރަމްޕަކީ އެއްވެސް ގޮތަކަށް އިތުބާރު ކުރެވޭ ޒާތުގެ ބޭފުޅެއް ނޫން. އޭނަ އަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް. އޭނަ އަކީ އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވެސް މަކަރާއި އޮޅުވާލުމާއި ދޮގުތައް ހަދައިގެން އަދި ހަމަނުޖެހުންތައް ވެސް އުފައްދައިގެން އިންތިހާބު ވަގަށް ނަގަން އުޅުއްވި ބޭފުޅެއް،" ޗޭނީ ވިދާޅުވި އެވެ. "އެހެންވެ އަލުން ޓްރަމްޕް ވެރިކަމަށް ގެންނަން ހެޔޮ ނުވާނެ. އެކަން އޭނަގެ ކުރީގެ ދައުރުގައި ތަޖުރިބާކުރެވިއްޖެ."

ކަމަލާ އަށް ޗޭނީ ވޯޓް ދެއްވާނެކަން އިއުލާން ކުރުމާ ގުޅިގެން އެކަމަނާގެ ކެމްޕޭން ޓީމުން ވަނީ އެކަމަށް މަރުހަބާ ކިޔައި، ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި މިއީ ކަމަލާ އަށް ލިބިވަޑައިގަތް ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.