ބޮލީވުޑްގެ ޑައިރެކްޓަރު މޯހިތު ސޫރީ ދެން ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލަކީ އަޔޫޝްމަން ކްރާނާ ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.
ފިލްމުފެއާ އިން ބުނި ގޮތުގައި އާ ޕްރޮޖެކްޓަށް އެ މީީހުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މޯހިތުގެ ފިލްމަށް އަޔޫޝްމަން އެއްބަސްވީ "ބޯޑާ 2" އިން ލިބުނު ފުރުސަތު ދޫކޮށްލުމަށް ފަހު އެވެ.
އޭނަ އަބަދު ވެސް ފާހަގަކުރެވެނީ ވަރަށް ތަފާތު ކޮންސެޕްޓްތަކަށް ހަދާ ފިލްމުތައް ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ. އެހެންވެ މޯހިތާ އެކީ އަޔޫޝްމަން އަލަށް މަސައްކަތްކުރާ ފިލްމަކީ ވެސް ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ. "ޒެހެރު" އާއި "އާޝިގީ 2" އާއި "އެކް ވިލަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މޯހިތު ފާހަގަކުރެވަނީ ވަރަށް ސީރިއަސް ފިލްމުތައް ހަދާ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އޭކް ވިލަން ރިޓާންސް" އެވެ.
އަޔޫޝްމަނާ އެކީ ފިލްމެއް ހަދަން މޯހިތު ތައްޔާރުވަމުން އަންނަ އިރު، އޭނަ ދާދި ފަހުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ފިލްމެއް ހަދަން ވެސް އެއްބަސްވުމެއް ހަދާފައިވެ އެވެ. އެއީ ޒުވާން އާ ކާސްޓަކާ އެކީ ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑްރީމް ގާލް 2" އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ "ވެމްޕަޔާސް އޮފް ވިޖޭނަގަރު" ހިމެނެ އެވެ.