Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ސަރުކާރުގެ 30 މުވައްޒަފަކުު ތަމްރީނަކަށް އިންޑިއާއަށް

ދިވެހި ސަރުކާރުގެ އެކި އިދާރާތަކުގައި ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ 30 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީން ޕްރޮގްރާމެއްގައި މިއަދު އިންޑިއާ އަށް ފުރައިފި އެވެ.

މިއީ ދިވެހި ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ)އާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ އަށް ދަތުރުކުރާ 33 ވަނަ ބެޗްގެ ބައިވެރިންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ "ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި ދެ ހަފްތާގެ މުއްދަތަށް ކޮންމެ ބެޗެއްގެ ތަމްރީނު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކިއެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނުމާއެކު އިންޑިއާގެ ސިވިލް ސަރވިސްގެ އެކި އިދާރާތަކަށް ޒިޔާރަތްކުރުން ވެސް ހިމެނޭ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާތަކުގެ ތަޖުރިބާހުރި ކަމާގުޅޭ މާހިރުންނެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކަނޑައެޅޭ ޚާއްޞަ ދާއިރާތަކުން ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށާއި ހުނަރު ކުރިއެރުވުމަށް އެންސީޖީޖީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސިވިސް ސާވިސް ކޮމިޝަނުން ބުނެ އެވެ.