Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ދިވެހިންނަކީ އެއް ބައެއް، ބައިބައިވާން ޖެހޭ ސަބަބެއް ނެތް

ދިވެހިން ވަކިވަކިވެ އަދި ބައިބައިވާންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް ށ. މާއުނގޫދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަސީރު ވިދާޅުވީ ޤައުމިއްޔަތު މަޝްރޫޢަކީ ޢިލްމީ ގޮތުން، ޢިލްމީ ލޮލަކުން ދިވެހީންގެ އަސްލުތަކަށް ބެލުމާއި، ޢިލްމީ ގޮތުން ދިވެހީންގެ އަސްލުތައް ހޯދައި ވަޒަންކޮށް އިޢާދަކުރުމުގެ މަޝްރޫޢެއް ކަމަށާއި ދިވެހީން އެއްބަހަކުން ވާހަކަދެއްކުމާއި، ދިވެހީންނަށް އެކި ކަންކަމުގައި ކުރެވިހުރި އެއްގޮތް ތަޖުރިބާތަކާއި، ދިވެހީންގެ ކެއިން ބުއިމުގައި ހުރި އެއްގޮތްވަންތަކަމާއި، ދިވެހީންގެ ރަށްތައް އުފެދި އެތުރިފައި އޮތް ގޮތްފަދަ ހުރިހާ ކަމަކީ ދިވެހީންނާއި ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ސިފަތައް ކަމަށެވެ. އަދި ޙަޤީގަތުގައި އަޅުގަނޑުމެން ދިވެހީން ވަކިވަކި ވާންޖެހޭ، ބައިބައި ވާން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު ދިވެހި ޤައުމު އޮތް ގޮތަށް ބަލާއިރު، ފާއިތުވިތާނގައި ތިބި ގޮތާ މިއަދު ތިބި ގޮތާ ވަރަށް ގިނަ ގޮތްގޮތުން ތަފާތުކަން ފާހަގަ ކުރެވޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. މި ތަޖުރިބާ ސާޅީސް އަހަރުން މަތީގެ ކޮންމެ ދިވެއްސެއްގެ ވަރަށް ރަނގަޅަށް ހުންނާނެކަން އެއުމުރުގެ ކޮންމެ ދިވެއްސަކު އެއްބަސްވާނެ ކަމަށާއި، ދިވެހީން އެއްބައެއްގެ ގޮތުގަ ތިބި ތިބުން، ދިވެހީން އެއް ރޫޙެއްގައި ދިވެހި ޤައުމައިގެން ކުރިއަށްދިޔަ ދިއުން، ދިވެހީން އެއް ޖޯޝެއްގައި ރަށް ބިނާކުރަން، އަތޮޅު ބިނާ ކުރަން، އަދި ޤައުމާއި ދިވެހީންގެ ރާއްޖެ ބިނާކުރަން ކުރި ހިންމަތާއި މިންނަތް، އަދި އެއިން ދިވެހީން ހޯދި ކާމިޔާބީގެ ތަޖުރިބާ ދިވެހީންގެ އެބަ ހުރި ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެހެންނަމަވެސް، މިއަދާ ހަމައަށް އައިއިރު މިކަންކަމަށް ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އަރާފައިވާ ކަމަށާއި ދިވެހީންގެ ޤައުމީ ބިންގާ އަލުން އިޢާދަކޮށް އާރާސްތު ކުރަންވެފައިވާ ކަމަށްވެސް ވެސް ވަޒީރު ވިދާޅުވި އެވެ.

"މިކަން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. އެމަނިކުފާނުގެ ޒަޢާމަތުގައި އެމަނިކުފާނު އެންމެ ބޮޑަށް އިސްކަމެއްދެއްވާ އެއްކަމެއްގެ ގޮތުގައި ހިމެނެނީ ދިވެހީން އަލުން ދިވެހީންގެ ގޮތުގައި އިޢާދަކުރެއްވުން. ދިވެހީންގެ ފިކުރީ އެއްބައިވަންތަކަން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަން، ދިވެހީންގެ ޤައުމީ ސަލާމަތާއި ގުޅިފައި ހުރި ކަންކަމުގައި، ދިވެހީން ޒަމާނުއްސުރެ މިނިވަންކަންމަތީ މިދެމިތިބި ސިއްރު، އޭގެ ސަބަބުތައް އަލުން ހޯދައި، އަލުން ދިވެހީންގެ ވިސްނުމުގެ ތެރެއަށް ގެނެސްދެއްވުން." ވަޒީރު ވިދާޅުވި އެވެ.

ޤައުމީ ދުވަހުގެ ތާރީޚާއި ޤައުމީ ދުވަހުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވަމުން ވަޒީރު ވިދާޅުވީ ޤައުމީ ދުވަސް ހަނދާންކޮށްދެނީ އެއްބައިވަންތަވުމަށާއި އެއްދީނެއްގައި ދެމިތިބުމަށް ކަމަށެވެ. އަދި އެދުވަސް ހަނދާންކޮށްދެނީ ދިވެހީންނަކީ ކަނޑުގެ ދަރީންކަންކަމަށާއި، ދިވެހީންގެ ރައްކާތެރިކަން ކަނޑާ ގުޅިފައި އޮތްކަން އެދުވަސް ބުނެދޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެންކަމުން ފިކުރީ ގޮތުންނާއި ޢަމަލީ ގޮތުން ވެސް ރަށްތަކުގެ ވަށައިގެން އޮތް ކަނޑަށް ދިވެހީން ފަރިތަވެ ހޭލުންތެރިވާން ޖެހޭކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މިހާރު ކުރިއަށްދާ ރައީސްގެ ޚާއްޞަ ޤައުމިއްޔަތު މަޝްރޫޢުގެ ތެރެއިން ދިވެހީންނަށް ދިވެހީންގެ ރައްކާތެރިކަމާ ބެހޭ ވަރަށް ބޮޑު ހޭލުންތެރިކަމެއް އަންނާނެކަމަށް ވެސް ވިދާޅުވި އެވެ.