Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ފުލުހުންގެ އުޅަނދުތައް ދައްކާލަން ހާއްސަ ހަރަކާތެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހި، މެރީބްރައުން ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފަ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފަ އެވެ.

ކުރީގެ އެންސެސްއެސް ގެ ދަށުން ގެންދިޔަ ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި 2024 ސެޕްޓެމްބަރު 1 ގައި މަދަނީ ހިދުމަތެއްގެ ގޮތުގައި ދޭން ފެށި ހިދުމަތަށް މިއަހަރު ވަނީ 20 އަހަރު ފުރިފަ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.