Last Updated: January 15, 10:30
Wednesday, January 15, 2025
ކުޅިވަރު

އިންގްލެންޑް، ނެދަލޭންޑްސް އަދި ޖަރުމަނަށް މޮޅެއް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ނެދަލޭންޑްސް އަދި ޖަރުމަނު މޮޅުވެއްޖެ އެވެ.

ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގައި ރޭ ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ ރަށުން ބޭރުގައި އަޔަލޭންް 2-0 އިން ބަލިކޮށްގެންނެވެ. މިއީ އިންގްލެންޑްގެ ވަގުތީ ކޯޗު ލީ ކާސްލީގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސް އާއި ޖެކް ގްރީލިޝް އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މީގެކުރިން އަޔަލޭންޑް ތަމްސީލުކުރި ދެ ކުޅުންތެރިން ކަމަށްވާއިރު، އަޔަލެންޑްގެ ސަޕޯޓަރުންގެ ނުރުހުން މި ދެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް މި މެޗުގައި ވަނީ އަމާޒުވެގެން ގޮސްފަ އެވެ.

މި ދެ ގޯލަށް ފަހު ވެސް އިންގްލެންޑުން ވަނީ ގޯލު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނޭޝަންސް ލީގުގައި އިންގްލެންޑް ދެން ބައްދަލުކުރާނީ ފިންލެންޑާ އެވެ.

ނެދަލޭންޑްސް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ބޮސްނިއާގެ މައްޗަށް 5-2 އިން ކުރި ހޯދައިގެންނެވެ. ނެދަލޭންޑްސްގެ ގޯލުތައް މި މެޗުގައި ކާމިޔާބުކޮށްދިނީ ޖޯޝުއަ ޒާކްޒީ އާއި ޓިޖާނީ ރެއިންޑާސް އާއި ކޯޑި ގަކްޕޯ އާއި ވޫޓް ވެގޯސްޓްގެ އިތުރުން ޒަވީ ސިމޮންސް އެވެ. ބޮސްނިއާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އެރްމެޑިން ޑެމިރޮވިޗްގެ އިތުރުން އެޑިން ޒެކޯ އެވެ.

ހަންގޭރީގެ މައްޗަށް ޖަރުމަނުން ރޭ ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޖަރުމަނަށް ގޯލުތައް ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރުގް އާއި ޖަމާލް މުސިއާލާ އާއި ފްލޮރިއާން ވްރިޓްޒްގެ އިތުރުން ޕަވްލޮވިޗް އަދި ކައި ހަވެޓްޒް އެވެ.