ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން ބްރެޒިލްގެ ހިއުމަން ރައިޓްސް މިނިސްޓަރު ސިލްވިއޯ އަލްމެއިޑާ މަގާމުން ވަކިކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ލޫލާ ޑި ސިލްވާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް ކަހަލަ ތުހުމަތުތަކެއް ކުރެވޭ ބޭފުޅުންތަކެއް ކެބިނެޓްގައި ރައީސް ހިމެނުމަކީ ރައީސް ބޭނުންވެވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. އެހެންވެ އެ އުސޫލުގެ ދަށުން ހިއުމަން ރައިޓްސް މިނިސްޓަރު މަގާމުން ވަކިކުރެއްވީ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ ފަރާތުން އަންހެނުންތަކަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނުކަމުގެ ވާހަކަތަކެއް ފެންމަތިވީ ޖިންސީ ފުރައްސާތަކާ ދެކޮޅަށް ކުރިއަށް ގެންދާ "މީޓޫ ބްރެޒިލް" ޖަމާއަތަށް ރިޕޯޓްކުރި މައްސަލަތަކަކާ ގުޅިގެންނެވެ.
ހިއުމަން ރައިޓްސް މިނިސްޓަރުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނަ މަގާމުން ވަކިކުރައްވައި، ރައީސް ލޫލާ ވަނީ ތުހުމަތުތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އެކަމާ ގުޅޭ ތަހުގީގެއް ވެސް ހިންގާނެ ކަމަށެވެ.
ތުހުމަތަކާ ގުޅިގެން ސިލްވިއޯ، 48، ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ތުހުމަތުތަކަކީ އޭނަގެ އަގު ވައްޓާލަން ބަޔަކު ހަދައިގެން އުޅޭ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި މިއީ ސަރުކާރުގެ އިސް މަގާމެއްގައި ކަޅު ނަސްލުގެ މީހަކު ހުންނާތީ އެކަމާ ގުޅިގެން އެކަން ހަމަޖު ނުވެގެން ބަޔަލު ޒާތީ ގޮތުން އޭނަގެ މައްޗަށް ކޮށްފައިވާ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވި އެވެ.
ސިލްވިއޯ ވިދާޅުވީ އޭނަ މަގާމުން ވަކިކުރުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ރައީސްގެ އެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.