Last Updated: September 19, 05:57
Thursday, September 19, 2024
މުނިފޫހިފިލުވުން

އާލިއާގެ "ޖިގްރާ" ގެ ޓީޒާ ދައްކާލައިފި

އިންޑިއާގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓްގެ އާ ފިލްމު "ޖިގްރާ" ގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވައޮކޮމް 18 ގުޅިގެން ހަދާފައިވާ ފިލްމެކެވެ. އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ޖިގްރާ" އަކީ ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ.

ފިރިހެން ކޮއްކޮ ސަލާމަތް ކުރަން ދައްތައަކު ކުރިމަތިލާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގައި އާލިއާގެ ކޮއްކޮގެ ރޯލު ކުޅެފައި ވަނީ މިދިޔަ އަހަރު "ދި އާޗީސް" އިން އެކްޓިން ދަތުރު ފެށި ވެދާންގް ރައިނާ އެވެ.

"ޖިގްރާ" ގެ ކާސްޓްގައި މަނޯޖް ޕަހްވާ އާއި ރާހުލް ރަވިންދުރަން އަދި އަދިތިޔާ ނަންދާ ވެސް ހިމެނެ އެވެ.