Last Updated: January 10, 18:08
Friday, January 10, 2025
ރިޕޯޓް

ލޯ ސަލާމަތުން ހުރި ކަމަށްޓަކައި ޝުކުރުވެރިވިންތަ؟

އިމާރާތެއްގެ ސިޑިމަތީގައި އިށީނދެލައިގެން ކުޑަ ކުއްޖަކު އިނެވެ. އުނގުމަތީ ތޮފި ގަނޑެއް ވެސް އޮތެވެ. އެ ކުއްޖާ ހުރީ ބޯޑެއް ހިފައިގެންނެވެ. އޭގައި ލިޔެފައިވަނީ “އަހަންނަކީ ލޯ އަނދިރި މީހަކީމެވެ. އަހަންނަށް އެހީ ވެދެއްވާށެވެ.” މިފަދައިންނެވެ. އެ ކުއްޖާ އުނގުމަތީ އޮތް ތޮފިގަނޑު ތެރޭގައި ކޮންމެވެސް ވަރަކަށް ފައިސާ ފޮތި ހުއްޓެވެ.

ފިރިހެނަކު ހިނގާފައި ދަމުން އެ ކުއްޖާކައިރީ މަޑު ޖެހިލިއެވެ. ޖީބުން ކޮންމެވެސް ވަރަކަށް ފައިސާ ފޮތި ނެގުމަށް ފަހު އެކުއްޖާގެ ތޮފިގަނޑު ތެރެޔަށް އަޅާލި އެވެ. އަދި އެކުއްޖާ ހިފަހައްޓައިގެން ހުރި ބޯޑު އަތުލުމަށްފަހު ކޮންމެވެސް އެއްޗެއް ލިޔުމަށްފަހު އެ ކުއްޖާއާ އޭތި ހަވާލުކޮށްފައި ހިނގައިގަތެވެ.

ގިނަ އިރުތަކެއް ނުވެ ތޮފީގައި ހުރި ފައިސާ ގިނަވާން ފަށައިފިއެވެ. ދުވަހަކުވެސް އެކުއްޖާއަށް އެހީގެ އަތެއް ދިށްކޮށްނުލާހާ ގިނަ މީހުން ލާރި އަޅަން ފެށި އެވެ. އެ ދުވަހު އެ ކުއްޖާގެ ބޯޑުގައި ލިޔެފައި ހުރި ލިޔުން ބަދަލުކުރި މީހާ ވާނުވާ ބެލުމަށް އެތަނައް ދިޔަ އެވެ. އެ މީހާގެ ފިޔަވަޅުގެ އަޑައް އެކުއްޖާޔައް ކާކުކަން އެނގުނެވެ. އަދި އަހާލި އެވެ.

ލޯފަން ކުއްޖާ: ތީ އަހަރެންގެ ބޯޑު ބަދަލު ކުރި މީހާތަ؟ ކޯޗެއްތަ އެގަ ލިޔުނީ؟
ފިރިހެން މީހާ: އަހަރެން ލިޔުނީ ތެދު. އަހަރެން ވެސް ލިޔުނީ ހަމަ އޭގައި ކުރިން ލިޔެފައި އޮތް އެތި އެހެން ނަމަވެސް ތަފާތު ގޮތަކަށް.
އެ މީހާ އެ ބޯޑުގައި ލިޔުނީ "މިއަދަކީ ވަރަށް ރީތި ދުވަހެކެވެ. އެހެންނަމަވެސް އަޅުގަނޑަކަށް ނުފެނެ އެވެ." މިފަދައިންނެވެ.

ފުރަތަމަ ލިޔުމާ ދެވަނަ ލިޔުމުން ބުނެދިން އެއްޗަކީ އެކައްޗެއްކަން ތިޔަ ކިޔުންތެރިޔާއައް ވިސްނޭ ހެއްޔެވެ؟

ހަމަގައިމު ވެސް މި ދެ ލިޔުމުން ވެސް އެހެން މީހުންނަށް ބުނެދިނީ އެ ކުއްޖާއަކީ ލޯ އަނދިރި ކުއްޖެއްކަމެވެ. ފުރަތަމަ ލިޔުމުން ވަރަށް އާދައިގެ ގޮތަކައް ބުނެދެނީ އެ ކުއްޖާ ލޯ އަނދިރިކަމެވެ. އެހެން ނަމަވެސް ދެވަނަ ލިޔުމުން ބުނެދެނީ ލޮލުގެ ފެނުމުން މަޙުރޫމްނުވެ ތިބި މީހުންގެ ނަސީބު ރަނގަޅުކަމެވެ. އަދި އޭގެއިން ހަނދާން ކޮއްދެނީ އެއީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށާއި އެ ނިޢުމަތް ދެއްވި ފަރާތައް ޝުކުރު ކުރަން ޖެހޭކަމެވެ.

މާތް ﷲ سورةالمؤمنون ގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގައި ވެއެވެ.(وَهُوَالَّذِي أَنشَأَلَكُمُ السَّمْعَ وَالْأَبْصَارَ ‌وَالْأَفْئِدَةَ قَلِيلًا مَّا تَشْكُرُ‌ونَ) މާނައީ : “އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވިރަސްކަލާނގެއެވެ. ތިޔަބައިމީހުން شكرކުރަނީ، ވަރަށްވެސް މަދުންނެވެ.“

ނޯޓް: ދިސަލަފިއްޔާ