Last Updated: January 15, 10:14
Wednesday, January 15, 2025
ކުޅިވަރު

ރޮނާލްޑޯ ފަހު ވަގުތު ޕޯޗުގަލް މޮޅުކޮށްދީފި

ޔޫއެފޭ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލް އިން ސްކޮޓްލޭންޑް 2-1 އިން ބަލިކޮށްފި އެވެ.

ޕޯޗުގަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 7 ވަނަ މިނެޓްގައި ސްކޮޓްލެންޑުން ވަނީ ލީޑު ނަގައި ޕޯޗުގަލް ސިއްސުވާލާފަ އެވެ. ޕޯޗުގަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ސްކޮޓްލެންޑަށް މި ގޯލު ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޕޯޗުގަލް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

ސްކޮޓްލެންޑް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފް ފެށުމާއެކު ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އަރުވާފަ އެވެ. ޕޯޗުގަލް އިން ނަތީޖާ އެއްވަރުކުރީ މެޗުގެ 54 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭސް ކާމިޔާބު ކުރި ގޯލުންނެވެ. ބްރޫނޯ މި ގޯލު ކާމިޔާބު ކުރީ ސްކޮޓްލެންޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި މެޗުން ޕޯޗުގަލް މޮޅުވި ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. ނޫނޯ މެންޑޭސް ހުރަސްކޮށްލި ބޯޅައަކުން ރޮނާލްޑޯ މި ގޯލު ކާމިޔާބު ކުރީ ސްކޮޓްލެންޑްގެ ގޯލު ކުރިމަތީ ހުހަށް ހުރެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބު ކުރި 901 ވަނަ ގޯލެވެ.

ނޭޝަންސް ލީގުގައި ރޭ ސްޕެއިނުން ވަނީ ސްވިޒަލޭންޑް 4-1 އިން ބަލިކޮށްފަ އެވެ. ކްރޮއޭޝިއާ އިން 1-0 އިން ޕޮލެންޑް ބަލިކުރިއިރު، ސްވިޑެން އިން ވަނީ 3-0 އިން އެސްޓޯނިއާ ބަލިކޮށްފަ އެވެ. އަދި ޑެންމާކުން ވަނީ ސާބިއާގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ.