Last Updated: September 19, 05:57
Thursday, September 19, 2024
މުނިފޫހިފިލުވުން

ސައީދާއި ޝީލާ، މަނިކުގެ "ހިތް ހަލާކު ކުރަނީ"!

ބަތަލާ ޝީލާ ނަޖީބާ ގުޅުވައި އޭނަގެ ފިރިމީހާ އެކްޓަރު މުހައްމަދު މަނިކަށް އެކްޓަރު ސައީދު "ހާއްސަ" މެސެޖެއް ދީފި އެވެ.

އަންނަ މަހު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން އުޅޭ ހޮރޯ-ކޮމެޑީ "ބިބީ" ގެ ޕްރޮމޯޝަންގެ ތެރެއިން ގެނެސްދިން ސައީދުގެ ބައެއް ވާހަކަތަކުގެ ތެރެއިން އޭނަ ވަނީ މި ފަހުން ޝީލާއާ އެކީ "މާ ލޯބި" ރޯލުތަކެއް ކުޅެފައިވާތީ އެކަމާ މަނިކު ހިތްހަމަނުޖެހިގެން އުޅޭ ކަމަށް ބުނެފަ އެވެ.

އެހެންވެ އެކަމާ ހުރެ މަނިކު މިހާރު އޭނައާ އެހާ ބޮޑަކަށް ވާހަކަ ނުދައްކާ ކަމަށް ވެސް ސައީދު ބުންޏެވެ. އެކަމަކު "ބިބީ" ގައި ވެސް އަނެއްކާ ޝީލާއާ ޕެއާކޮށް މަސައްކަތްކޮށްފައިވާތީ މިއީ އަނެއްކާ ވެސް މަނިކު "ތުންދަމައިގެން" ހުރެދާނެ ކަމަކަށް ވެދާނެތީ ސައީދު ވަނީ ދުރާލައި މަނިކަށް "ހާއްސަ" މެސެޖެއް ސަމާސާ މޫޑެއްގައި ދީފަ އެވެ.

"ބުނެލަން ބޭނުން ވަނީ [މަނިކުއޭ އަހަރެމެން ދެ މީހުންނާ މެދު] އެއްގޮތަކަށް ވެސް ޝައްކު ނުކުރާށޭ. އަހަރެމެން ހަމަ ޖަސްޓް އެކްޓޭ ކުރަނީއޭ،،" މަނިކާ އެކީ މިހާތަނަށް ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓަރު ބުންޏެވެ. "އިތުރުބާރު ކުރާށޭ އަހަރެމެން ދެ މީހުންނަށް."

މި މެސަޖަށް ފަހު ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) ގެ ފިރިމީހާ ސައީދު ވަނީ މަނިކު "ބިބީ" ބަލަންދާ އިރު، ސަމާލުވާން ޖެހޭ ވަރުގެ "އިންޒާރުގެ ނޯޓިހެއް" ވެސް ދީފަ އެވެ. އެއީ ފިލްމުގައި އޭނަ އާއި ޝީލާގެ "ވަރަށް ލޯބި" ލަވައެއް ހިމެނޭނެ ވާހަކަ އެވެ.

އެހެންވެ "ބިބީ" ބަލަން ދާން މަނިކު ވަރަށް ބޮޑަށް "ޖަޒުބާތީ ގޮތުން" ތައްޔާރުވާން ޖެހޭނެ ކަމަށް ބެލެވެ އެވެ.

އަންނަ މަހުގެ 7 ގައި އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ބިބީ" އިން ސައީދާއި ޝީލާ "މަނިކުގެ ހިތް ހަލާކު ކުރަމުން" ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަކުރާ އިރު، ތަޖުރިބާކާރު މި ދެ ތަރިން، މި އަހަރުގެ ކުރީކޮޅު ޑާކް ރެއިނުން ބައިސްކޯފަށް ގެނެސްދިން "ކްރޮނިކަލްސް" ސީޒަން ދޭއްގައި ވެސް އެކީގައި ފެނިފައިވެ އެވެ.

އެއީ އޭގެ ފުރަތަމަ ސެގްމަންޓް "ބައިސްކަލް" ގަ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބިބީ" އާ ޑައިރެކްޓަރު ޝަހުދާ މަހުމޫދުގެ ފުރަތަމަ ފީޗާ ފިލްމެވެ. އޭނަ ލިޔެ، ޑައިރެކްޓްކުރި މި ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ޝަރަފް އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އާއި ޝީލާ އާއި ސައީދުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އެވެ.

މި ތަރިންނާ އެކީ އިތުރު ގިނަ ފަންނާނުންތަކެއް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.