އެމްޕޮކްސް ނުވަތަ މަންކީޕޮކްސް އާންމުކޮށް ފެންނަނީ އެފްރިކާގެ މެދުތެރެ އާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގަ އެވެ. މިއީ މަދުން ނޫނީ ނުފެންނަ ވައިރަލް އިންފެކްޝަނެކެވެ. މި ބަލި ފުރަތަ ފެނިފައި ވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 އަހަރު ވަރަކަށް މިބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފަ އެވެ.
މި އަހަރު މިހާތަނަށް ކޭސްރިޕޯޓް ކޮށްފައިވާ އަދަދު މިދިޔައަހަރަށް ވުރެ ބޮޑަށް އިތުރުވުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ އިން ވަނީ މިދިޔަ މަހުގެ 14 ގައި ވަނީ ސިއްޙީ ނުރައްކަލުގެ ހާލަތު ވެސް އިއުލާކޮށްފަ އެވެ.
އެމްޕޮކްސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ގޮތް:
• ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުމުން
• ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން
• ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން
• މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ
• މީހުން، އަތްލުމާއި، ބޮސްދިނުމާއި، ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން
• ޖަނަވާރުތައް، ޝިކާރަކުރާއިރު، ހަން ނަގާއިރު، ނުވަތަ ކައްކާއިރުގައި
• މާބަނޑު މީހުންނަށް ބަލިޖެހުމުން ބަނޑުގައި އޮންނަ ދަރިފުޅަށް ވައިރަސް ފެތުރުމުގެ ފުރުސަތު އޮވޭ
އެމްޕޮލްގެ އަލާމާތްތަކުގެ ތެރޭގަ ގަދައަށް ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން، ހަމުގައި ބިހި ނަ ގައެވެ. އެގޮތުން ގިނައިން ފެންނަނީ ކުރިމަތިފަރާތާއި ފުރަގަސްފަރާތް އަދި އަނގައިގެ ވަށައިގެންނެވެ.
ބިހިތައް ފުރަތަމަ ނަގާ އިރު ހުންނަނީ ރަތް ބިހިތަކެއްގެ ގޮތުގައެވެ. އެއަށްފަހު ފެން ފޮޅަށްވެ، ފޮޅު ފަޅައިގެން ގޮސް ކުރަލަ އެވެ. ހުން އައުންފަދަ އަލާމާތްތަކުން ފެށިގެންގޮސް ބިހި ނަގާ، ކުރަލާ، އަދި ކުރައިގެ ދަށުން އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލި ޖެހިފައިވާ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.
އާންމުކޮށް އެމްޕޮކްސް ޖެހިފައިވާ މީހަކަށް އަލާމާތްތައް ފެންނަން ފަށަނީ ބަލިޖެހިފައިވާ މީހަކާ ނުވަތަ ބަލީގެ އިންފެކްޝަން ހުންނަ އެއްޗަކާ ކޮންޓެކްޓް ވާތާ ގާތްގަނޑަކަށް 5-21 ދުވަސް ތެރޭގަ އެވެ.
ބަލިޖެހޭ މުއްދަތަކީ 2-4 ހަފުތާ ނަމަވެސް ހުން ރަނގަޅުވެ ގައިގައު ނަގާފައި ބިހިތައް ހިކި ހަންގަނޑު މުޅިން އެކީ ރަނގަޅު ވަންދެން ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ. އާދަޔާހިލާފު ރޯގާއެއް ޖެހިއްޖެނަމަ އެކަހެރިވެ ވަގުތުން ޑޮކްޓަރަށް ދައްކައޮި ލަފާ ހޯދަންވާނެ އެވެ.
އެމްޕޮކްސް އަށް ވަކި ފަރުވާއެއް ނެތް ނަމަވެސް އަލާމާތްތަކަށް ލުއި ދިނުމަށް ސިމްޕްޓޮމެޓިކް ފަރުވާއެއް ހުށަހަޅަ އެވެ. އަދި މި ބަލި ކަށަވަރު ކުރެވޭނީ ޕީސީއާރު ޓެސްޓެއް ހަދައިގެންނެވެ.
ބަލި ޖެހިފައިވާ މީހުން އަލާމާތްތައް ރިޕޯޓްކޮށް، އެހެން މީހުންނަށް ފެތުރިދާނެ ގޮތް ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. އަދި އާދަޔާހިލާފު ލޭހޮޅިއެއް ނުވަތަ ރޯގާއެއް ހުރިނަމަ ސީދާ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެ އެވެ. ބަލިން ރައްކާތެރި ވުމަށްޓަކައި ގިނަ ގިނައިން އަތް ދޮންނަން ވާނެ އެވެ. އާންމުކޮށް ބޭނުންކުރާ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓްކުރަން ޖެހޭނެ އެވެ.
އެންމެ މުހިއްމު ކަމެއްގެ ގޮތުން އަލާމާތްތައް ފެންނަ މީހުންނާ ގާތް ގުޅުމަކުން ދުރުހެލިވާން ވާނެއެވެ. ތޮއްޖެހިފައިވާ ތަންތަނުގައި މާސްކު އެޅުމަކީ ވެސް މުހިއްމު ކަމެކެވެ.
ނޯޓް: މިއީ ހެލްތު މިނިސްޓްރީގެ އާޓިކަލެކެވެ.