ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭގަނޑުއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވަނިކޮށެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ޤާނޫނުގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ބޭފުޅަކު އައްޔަނު ކުރަންވާނެ ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވާއިރު، އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ އަދި ބުދަ ދުވަހުއެވެ.
ޕްރިސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެއެވެ. އަދި މަޖިލީހުން ރުހުން ދޭ ބޭފުޅަކު ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް އައްޔަނު ކުރި ކަމުގެ ލިޔުން އަރުވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީގެ މަގާމަށް ޝައުގުވެރިކަންފާޅުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އަދި ޤާނޫނީ ވަކީލް އާދަމް ޝަމީމް ހިމެނެއެވެ.