ޑިޖިޓަލައިޒޭޝަނަކީ ގައުމީ ތަރައްގީގެ ބިންގަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އޮފް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް-ޑިރިވަން ފިއުޒާ ފޯ މޯލްޑްސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ބައެއް ވަސީލަތް މިހާރު ވެސް ބިނާވެފައިވަނީ ޑިޖިޓަލައިޒޭޝަންގެ މައްޗަށް ކަމަށާއި އެގޮތުން ޑިޖިޓަލް މޯލްޑިވްސް ޕްރޮގްރާމްގެ ދަށުން މިހާރުވެސް ޒުވާނުންނަށް ޑިޖިޓަލް އިކޮނޮމީ އެއްގައި ކާމިޔާބު ހޯދަން ބޭނުންވާނެ ހުނަރުތައް ދަސްކޮށްދެމުންދާއިރު މުޖުތަމައުގެ މައިބަދަކަމަށްވާ އަންހެނުންނަށް ވެސް މި ފުރުސަތުތައް ހަމަހަމަކަމާއެކު ލިބޭތޯ ކަށަވަރުކުރަމުންދާ ކަމަށެވެ.
ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު އެ މައްސަލައާ ކުރިމަތިލުމަށް ވެސް ޑިޖިޓަލައިޒޭޝަން އަދާކުރާ މުހިއްމު ރޯލުވެސް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ކުރިއާލައި އިންޒާރުދޭނެ ސިސްޓަމާއި ސްމާޓް ޓެކޮނަލަޖީން މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ފަސޭހަވެގެންދާ ކަަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަން ކަމަށެވެ. ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަށް ނިންމެވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށާއި އެ ބޭންކުން މަސައްކަތްކުރާނީ ޑިޖިޓަލް އެކި އީޖާދީ މަޝްރޫއުތަކަށާއި، ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން އިގްތިޞާދީ އަދި އިޖްތިމާއީ މަޝްރޫއުތަކަށް ފައިނޭންސިން ހަމަޖައްސަން ކަމަށް ވިދާޅުވި އެވެ.