މި ސަރުކާރުން ގައުމަށް ބޮޑުތަނުން ހިޔާނާތްތެރިވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ގައުމީ ދުވަހާއި މިނިވަން ދުވަހާއި ޖުމްހޫރީ ދުވަސް ފަދަ ދުވަސްތަކުގައި ސަރުކާރުގެ އެކި ބޭފުޅުން ތަންތަނަށް އަރާ ގައުމުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް ސަރުކާރު މިހާރު އޮތީ ގައުމަށް ބޮޑުތަނުން ހިޔާނާތްތެރިވެފައި ކަމަށެވެ.
އެގޮތުން ރާއްޖެ އިން އިންޑިއާ އަސްކަރިއްޔާ ބާލަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި އޭގެ ތެދު ހަގީގަތް ބަޔާންކޮށްދޭން ވެސް ބޭނުން ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުގައި ގެއްލުވާލި ކަނޑުގެ ސަރަހައްދު ހޯދަން ވެސް މި ސަރުކާރުން ކުރާ މަސައްކަތެއް ނެތް ކަމަށާއި ގައުމިއްޔަތޭ ކިޔާފައި ވުޒާރާއެއް އުފެއްދުމުން ގައުމިއްޔަތު ހިމާޔަތް ކުރެވުނީތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.
"އެއިކީއެއް ނޫން ގައުމިއްޔަތު ހިމާޔަތް ކުރާ ގޮތަކީ. އެހެންވީމާ ގައުމިއްޔަތާ ބެހޭ ވަޒީރެއް ބަހައްޓާފައި، ވުޒާރާއެއް އުފައްދާފައި ދެން އަދަބީ ގޮތުން ތަގުރީރުތަކެއް ލިޔެފަ ދިނީމަ އެ ތަގުރީރު މޮޅުވެދާނެ އަޑުއަހާ މީހުންނަށް. އެކަމަކު އަޅުގަނޑުމެންނަކަށް އެ ތަގުރީރު މޮޅެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ބަހާއި އަމަލު ދިމާކުރުމަށްފަހު ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ހައްލުކޮށްދޭންޖެހޭ ކަމަށާއި އެ ކަންކަން ހައްލުކޮށް ނުދީ ޅެން ބައިތުން ރީތި ބަހުރުވައިން ވާހަކަ ދެއްކިޔަސް ފެންނަނީ މުނާފިގު ސިފަތައް ކަމަށެވެ. ގައުމިއްޔަތުގެ އެންމެ މުހިއްމު އަސާސްތައް ގެއްލުވާލީ އެމްޑީޕީ ސަރުކާރުން ކަމަށާއި ނަމަވެސް އެ ކަންކަން ރަނގަޅު ކުރަން މި ސަރުކާރުން ނޫޅޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.