އާސެނަލަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑަށް އަނިޔާވެއްޖެ އެވެ.
އާސެނަލްގެ ކެޕްޓަން، އޮޑެގާޑަށް އަނިޔާވީ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ނޯވޭ އިން އޮސްޓްރިއާގެ މައްޗަށް 2-1 އިން ކުރި ހޯދި މެޗުގަ އެވެ.
އެ މެޗުގެ ދެވަނަ ހާފްގައި އޮޑެގާޑްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ދަނޑުން ފޭބީ ވެސް ނޯވޭ ޓީމުގެ މެޑިކަލް ޓީމުގެ އެހީއާއެކު އެވެ.
ރޭގެ މެޗަށްފަހު ނޯވޭގެ ކޯޗު ސްޓޭލް ސޮލްބަކަން ބުނީ އޮޑެގާޑްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ ފެންނަނީ ގޯސްކޮށް ކަމަށާއި އޭނާ ދަނޑުން ފޭބީ ވެސް އިތުރަށް ކުޅުން ކުރިއަށް ގެންދެވޭނެ ފުރުސަތެއް ނެތުމުން ކަމަށެވެ. އޮޑެގާޑަށް ލިބިފައިވާ އަނިޔާގެ ކުޑަބޮޑުމިން އެނގޭނީ އިތުރު ޓެސްޓުތަކަށްފަހު ކަމަށް ނޯވޭ ޓީމުގެ ޑޮކްޓަރު ވަނީ ބުނެފަ އެވެ.
އޮޑެގާޑަށް އަނިޔާވެފައިވާއިރު އާސެނަލަށް ކުރިއަށް ހުރީ މުހިއްމު މެޗުތަކެކެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި އާސެނަލުން ޓޮޓެންހަމްއާ ބައްދަލުކުރާއިރު އަންނަ ބުރާސްފަތި ދުވަހު ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް ނިކުންނާނެ އެވެ. އޭގެފަހުން އާސެނަލުން ލީގުގައި ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.
ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން އާސެނަލް ވަނީ މޮޅުވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.