Last Updated: September 19, 05:57
Thursday, September 19, 2024
މުނިފޫހިފިލުވުން

ކާޖަލް ވެސް ސަލްމާންގެ "ސިކަންދަރު" އަށް

މިހާރު ޝޫޓިން ކުރިއަށްދާ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ގެ ކާސްޓާ ދެކުނުގެ މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލް ވެސް ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ ބައެއް މީޑިއާތަކުން ބުނި ނަމަވެސް ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށެއް ނުވެ އެވެ. ކާޖަލް، 39، ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމުތައް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އަޖޭ ދޭވްގަންގެ 2011 ގެ "ސިންގަމް" އެވެ.

އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ޖުލައިގައި ރިލީޒްކުރި ކަމަލް ހަސަންގެ "އިންޑިއަން 2" ގެ ހާއްސަ ފެނިލުމެއްގަ އެވެ.

"ސިކަންދަރު" ގެ ކާސްޓަށް ކާޖަލް އިތުރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމުގެ ލީޑް ބަތަލާ އަކީ ވެސް ދެކުނުގެ ބަތަލާއެއްކަމެވެ. އެއީ "ޕުޝްޕާ" އާއި "އެނިމަލް" ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ ޒުވާން ބަތަލާ ރަޝްމިކާ މަންދަނާ އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ "ސިކަންދަރު" ހަދަނީ ވެސް ދެކުނުގެ ޑައިރެކްޓަރެކެވެ. އެއީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން އޭއާރް މުރަގްދޯސް އެވެ.

ސަލްމާން ޑަބަލް ރޯލެއް ކުޅޭ "ސިކަންދަރު" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.