ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) ގެ ވަރަށް ތަފާތު ފިލްމެއް ބަލައިލަން ބޭނުން ނަމަ "ބިބީ" އަކީ ދޫކޮށްލާ ވަރުގެ ފިލްމކަށް ނުވާނެ އެވެ. މިއީ ހޮރޯ-ކޮމެޑީއެކެވެ. އެހެންވެ މިއީ ސިނަމާ ތެރޭގައި ބެލުންތެރިން ބިރު ގަންނުވާލައި، ހެއްވައިލާނެ ފިލްމެކެވެ. މަޖޫ ވެސް ބުނަނީ އެހެންނެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ މަހުގެ 7 ގައި އޮލިމްޕަހަށް ދޫކޮށްލަން ތައްޔާރުވާ "ބިބީ" ގެ މުޅި ވާހަކައަކަށް ބަލާ އިރު، މީގެ މައިގަނޑު ޕްލޮޓް އެނބުރޭނީ ވެސް މަޖޫ ކުޅެފައިވާ ކެރެކްޓާގެ ވަށައިގެންނެވެ. އެހެންވެ އަސްލު "ބިބީ" އަކީ މިއީ ކަމަށް ބަލަމާ ހިނގާށެވެ.
ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ޑާކް ރެއިނުން މިއަދު އާންމުކުރި މަޖޫގެ ވާހަކައިގައި ވެސް އޭނަ ބުނީ ކެރިއަރުގައި ކުޅުނު ވަރަށް ތަފާތު ފިލްމެއް ކަމަށެވެ.
"ތަފާތު ކެރެކްޓާއެއްގައި ބެލުންތެރިންނަށް މަޖޫ ފެންނާނީ. އެހެންވީމަ ހީވަނީ ކަމުދާނެހެން މި ފިލްމު ބެލުންތެރިންނަށް މަޖޫ ފެންނަ ގޮތް." އެންމެ ފަހު ވިންދާ ޖެހެންދެން އާއި ވާށޭ މަށާ އެކީ އަދި މާމުއި ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބިބީ" އަކީ ޑައިރެކްޓަރު ޝަހުދާ މަހުމޫދުގެ ފުރަތަމަ ފީޗާ ފިލްމެވެ. އޭނަ ލިޔެ، ޑައިރެކްޓްކުރި މި ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ފރިމީހާ ޝަރަފް އަބްދުﷲ އާއި މަޖޫ އާއި ޝީލާ ނަޖީބާއި އަހުމަދު ސައީދުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) އެވެ.
މި ތަރިންނާ އެކީ އިތުރު ގިނަ ފަންނާނުންތަކެއް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.