ދަރިން ހޯދުމަށްޓަކައި ވިހެއުމުގެ ނަސީބެއް ނެތް ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ބުނެފި އެވެ.
މިހާރު ބިލިއަނަރެއްގެ މަގާމު ވެސް ލިބިފައިވާ 32 އަހަރުގެ ފަންނާނު ވެނިޓީ ފެއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެނިކޮށް ދަރިން ހޯދުމަކީ ބޭނުންވާ ކަމެއް ކަމަށެވެ. އެކަމަކު ދިމާވެފައިވާ އެކިއެކި ސިއްހީ މައްސަލަތަކާ ހެދި މާބަނޑުވެ ދަރިން ހޯދުމަކީ އޭނަ އަށް ނެތް ފުރުސަތެއް ކަމަށް ބުންޏެވެ.
"ކުރިއަކުން މި ވާހަކަ މި ގޮތަށް ނުވެސް ދައްކަން. އެކަމަކު ބުނެލަން ބޭނުން ވަނީ ވަރަށް ގިނަ ހެލްތު އިޝޫތައް އަހަރެންގެ އެބަހުއްޓޭ،" މީގެ ހަ އަހަރު ކުރިން ކިޑްނީ ޓްރާންސްޕްލާންޓެއް ވެސް ހަދާފައިވާ ސެލީނާ ބުންޏެވެ. "ސިއްހީ މައްސަލަތަކާ ހެދި އަހަރެން ބަލިވެއިނދެއްޖެ ނަމަ އަމިއްލަ ފުރާނައަށާއި ކުއްޖާގެ ފުރާނަ އަށް ވެސް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑު."
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެމެރިކާގެ ރެކޯޑް ޕްރޮޑިއުސަރު ބެނީ ބްލާންކޯ، 36، އާ ޑޭޓް ކުރަމުން އަންނަ ސެލީނާ ބުނީ އޭނަ އަށް އަމިއްލަަ ދަރިން ހޯދުމުގެ ފުރުސަތު ނެތަސް އާއިލާއަކަށް އުންމީދު އެބައޮތް ކަމަށެވެ. އެގޮތުން ސަރޮގޭޓްކޮށްގެންނާއި އެޑޮޕްޓްކޮށްގެން ދަރިން ހޯދުމުގެ ވިސްނުން އޮތް ކަމަށް ބުންޏެވެ.
"އެހެންވީމަ މަޔަކަށްވުމުގެ ހުޅުކޮޅު އެއްކޮށް ނިވިގެން ނުދާ ކަމަށް އަހަރެން ދެކެނީ. އަހަންނަކީ މަޔަކަށްވާން އެދިއެދި ތިބި އެތައް މިލިއަން އަންހެނުންގެ ތެރެއިން އެކެއް،" ސެލީނާ ބުންޏެވެ.
މަޔަކަށްވުމުގެ ވާހަކަ އޭނަ ހިއްސާކުރި ނަމަވެސް ކައިވެންޏާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ސެލީނާ ބުނީ އޭނަ އާއި ބެނީގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށެވެ، ދާދި ފަހުން ދަރިޔަކު ލިބުނު ޖަސްޓިން ބީބާއާ ވެސް ކުރިން ރައްޓެހިވި ސެލީނާ ބުނެފައިވާ ގޮތުގައި ބެނީ ވަރުގެ މީހަކާ މިހާތަނަށް ދިމައެއް ނުވެ އެވެ.