އެއީ މީގެ ގާތްގަނޑަކަށް 6 އަހަރު ކުރިއެވެ. އޭރު އަހަރެންނަކީ ހިތަދޫ މުހިއްބުއްދީން ސްކޫލްގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔެކެވެ. އަހަރުމެންގެ ކޯޗަކީ ޑުންގާއެވެ. ޕްރެކްޓިސް މެޗަކަށް ހިތަދޫ ފަޔާ ސްޓޭޝަނުގެ ޓީމަކަށް ދައުވަތު ދެވުނެވެ.
އަހަރުމެން ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ގަޑިއަށް ދަނޑަށް ހާޒިރުވެ ތިބީމެވެ. އެހެން ނަމަވެސް ފަޔާ ސްޓޭޝަންގެ ޓީމު ދަނޑަށް ހާޒިރުވީ 4:05 އެހާކަށް ހާއިރެވެ. ކޯޗު އަހްމަދު ޝަރީފް (ޑުންގާ) އެންގީ ގަޑި އަށް ހާޒިރު ނުވުމުން މެޗް ނުކުޅެވޭނެ ކަމަށެވެ.
އެދުވަހު އަހަރުމެން ޓީމުގެ އެއްވެސް ކުޅުންތެރިޔަކު އަދި ފަޔާ ސްޓޭޝަން ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ކޯޗު ޑުންގާ އާ ދިމާލާށް ނުރުހިގެން އެއްޗެއް ބުނި އަޑެއް ނާހަމެވެ. އެދުވަހު އަހަރުމެން އެންމެންނަށް ވެސް ދަސްވެގެން ދިޔައީ ފުޓްބޯޅައިގައި ގަޑިއަށް ފަރުވާތެރިވުމުގެ މުހިއްމުކަމެވެ.
އައްޑޫގެ ފުޓުބޯޅަ އާއިލާގައި ކޯޗު ޑުންގާގެ އިރުޝާދު ނުލިބޭ ކުޅުންތެރިޔަކު ނުހުންނާނެ އޭ ބުނުން ގޯހަކަށް ނުވާނެއެވެ. ޤައުމުގެ ވެރިއަކަށް ވެސް ނުކުރާ ފަދަ ޤަދަރަކާއި އިޙްތިރާމެއް ހަމަ ގައިމުވެސް އައްޑޫގެ ޒުވާނުން ކޯޗު ޑުންގާ ކުރަމުން ގެންދަނީ އެ ބޭފުޅާގެ ހަރުދަނާ އުސޫލްތަކުގެ ސަބަބުންނެވެ.
" ޑުންގާ އަކީ ހަމަ ބެސްޓް. އޭނާ ކޯޗު ކަން ކޮށްދޭ ޓީމަކަށް ކުޅެވުމަކީ ވަރަށް ބޮޑު ފަޚުރެއް. އެ ހެޔޮ ބެންޗުގައި އިންނަން ޖެހުނަސް. " ހިތަދޫގެ ޒުވާނަކު ބުންޏެވެ.
"އޭނާ (ޑުންގާ) ބުނާ ކޮންމެ އެއްޗެއް ބުނާނީ ޕްރޯކޮށް. އެއީ މި އައްޑޫގެ ފުޓުބޯޅައިގެ ބައްޕަ އަކީ " ހިތަދޫ ބަނދަރުގައި މަސައްކަތް ކުރާ މީހަކު ޑުންގާ އަށް ތައުރީފް ކުރަމުން ބުންޏެވެ.
އައްޑޫ ސިޓީގެ ފުޓްބޯޅަ އާއިލާގެ ހުރިހާ ބޭފުޅުންގެ މެދުގައި ވެސް އެންމެ މަޤުބޫލު ޑުންގާ މިއަދު އެހެރީ އައްޑޫގައި އެފްއޭއެމްގެ އިސްވެރިޔެއްގެ ގޮތުގައެވެ. އެއީ ހަމަގައިމުވެސް އައްޑޫގެ ފުޓުބޯޅަ އާއިލާ އަށް ހިނިތުންވުން ގެނެސްދިން ކަމަކެވެ.
2013 ވަނަ އަހަރު އައްޑޫ އާއި މާލޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި އައްޑޫގައި ކުރިއަށްގެންދިޔަ އެންމެހާ އިންތިޒާމްތަކުގައި އިސްކޮށްހަރަކާތްތެރިވި ފަރާތަކީ ކޯޗް ޑުންގާއެވެ.
ކާމިޔާބް ކަމާއި އެކު އޭއެފްސީ ޗެލެންޖްކަޕް އައްޑޫގައި ބޭއްވިގެން ދިޔައީ ޑުންގާގެ ޓީމްގެ ހިތްވަރުގަދަ މަސައްކަތުންނެވެ.
އައްޑޫގައި ފުޓްބޯޅަ ކުރިއެރުވުމަށް އަބަދުވެސް ޑުންގާ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް އިރުޝާދު ދެމުންދާއިރު، ބައެއް ބޮޑެތި ފުޓްބޯޅަ މުބާރާތްތަކަށް ތަފާތު ޓީމް ނެރެ، ކާމިޔާބް ވަނީ ހޯއްދަވާފައެވެ. އެގޮތުން އައްޑޫގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާފައިވަނީ ޑުންގާގެ ކޯޗުކަމުގައި ނިކުތް ޓީމްތަކެވެ.
އައްޑޫގައި ހުންނަވާ އެފްއޭއެމްގެ އިސްވެރިޔަކަށް އިބްރާހިމް ރަޝީދު ހުންނެވި ދުވަސްވަރު ބައެއް ޒުވާނުން އެބޭފުޅާއަށް ކުރި ޖެއްސުންތަކާއި އެފްއޭއެމްގެ ތަކެއްޗަށް ދިން ފަދަ ގެއްލުމެއް، ދެން އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ދީފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭގެ ސަބަބަކީ އައްޑޫގެ ޒުވާނުން ޑުންގާ އަށް ކުރާ އިތުބާރެވެ.