Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

އެމްޑީޕީ ބޭނުންވާ ކަންކަން ނިންމާނީ ވޯޓަކުން ހޮވާފައި ހުރި ރައީސް ނަޝީދު : ޝަރީފު

މްޑީޕީގެ ފަރާތުން ބޭނުންވާ ކަންކަން ނިންމާނީ އެޕާޓީގެ މެންބަރުންގެ ވޯޓުން ހޮވާފައިހުރި އެމްޑީޕީގެ ލީޑަރ ރައީސް ނަޝީދު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

"އަނިޔާވެރިކަން ނިންމަން" މި ނަމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ފަށާފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހުގެރޭ ގދ. ތިނަދޫ ގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ބަޔަކާ މަޝްވަރާއެއް ކުރާނަމަ އެމްޑީޕީގެ ފަރާތުން ބައިވެރިވާނެ އިސްވެރިޔަކީ ރައީސް ނަޝީދު ކަމަށެވެ.

އެމްޑީޕީ މެންބަރުންގެ މަސައްކަތް ހުއްޓޭނީ ރައީސް ނަޝީދު ޖަލުން ނެރެފައި ކަން ފާހަގަކުރައްވައ ޝަރީފް ވިދާޅުވީ ޖަލުން ނެރުމުން އެކަނި ނުފުއްދާނޭ ކަމަށާއި ރައީސް ނަޝީދު އަލުން އަނބުރާ މިރާއްޖޭގެ ވެރިކަމަށް ވެސް ކޮންމެހެން ގެންނަން އެބަޖެހޭ ކަމަށެވެ.

މީގެ އިތުރުން މި މޭމަހުގެ އެއްވަނަ ދުވަހު ބޭއްވި "މޭޑޭ" މުޒާހަރާއަށް ދިޔަ މީހުންގެ އަދަދަށް ވުރެ ތިން ގުނަ، ހަތަރު ގުނައަށް، އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގައި ބާއްވާ މުޒާހަރާގައި މީހުން އިތުރުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.